މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ ތަރައްގީގެ މަސައްކަތްތަކަށާއި އިންފްރާސްޓްރަކްޗާގެ ހިދުމަތްތައް ދިނުމަށްޓަކައި، މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި 14 ބިމެއް ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ކައުންސިލުގެ އިހުތިސާސުން ވަކިކޮށް ދައުލަތަށް ނަގާ ބިންތަކަކީ:
-
ސަލްޓަން ޕާކާއި ގައުމީ ދާރުލްއާސާރު
-
މަސް މާރުކޭޓު
-
މަސް މާރުކޭޓުގެ ހިއްކާފައިވާ ސަރަހައްދު
-
ލޯކަލް މާރުކޭޓު
-
މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން
-
ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ހިންގާ އިމާރާތް
-
ކާނިވާ ސަރަހައްދު
-
އާޓިފިޝަލް ބީޗު
-
މަސްވެރިންގެ މައިޒާން
-
ތައިސޭ ކޮށި
-
ކުލީ ފާޚާނާ ނަންބަރު 2
-
ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިން
-
ބޮނޑިބަތް ޕާކު
-
ރަސްފަންނު
މި ނިންމުމާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ، މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތަކުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ނިންމުމާއެކު އެ ބިންތައް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް އަމަލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ގާނޫނުގައިވާ ގޮތުން އެ ބިމަކަށް ކައުންސިލުން ކޮށްފައިވާ އިންވެސްޓްމަންޓަށް ކަމާގުޅޭ ވުޒާރާއަކުން ބަދަލު ދޭންޖެހޭނެއެވެ.




