ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް މޫޑީސްއިން ގެނައި ހެޔޮ ބަދަލު އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފުން ފާހަގަކޮށްފިއެވެ.
ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި މިހާރު ކުރިއަށްދާ އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު ވަނީ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް، އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންއަށް އައި ހެޔޮ ބަދަލު ޑރ. މާއިތު ފާހަގަކުރެއްވި ކަމަށެވެ.
ޑރ. މާއިތު ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވުމާ ގުޅިގެން މަރުޙަބާ ދަންނަވައި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއެކު ދިވެހި ސަރުކާރުން ބާއްވަމުން އަންނަ ގާތް ގުޅުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ފިޗް އަދި މޫޑީސްއިން ވަޒަންކުރަން ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ދައުލަތުގެ ޚަރަދުތައް އިތުރުވެ، ދަރަނި ބޮޑުވުމުގެ ސަބަބުން މި ދެ އެޖެންސީން ވެސް ރާއްޖޭގެ ރޭޓިން ވަނީ ދަށްކޮށްފައެވެ.
އެހެންނަމަވެސް، ސަރުކާރުން މާލީ އިޞްލާޙީ ފިޔަވަޅުތައް އަޅައި، ދަރަނިތައް ޤަވާޢިދުން ދައްކަމުން ދިއުމާއެކު ދެ އިދާރާއިން ވެސް މިހާރު ވަނީ ރާއްޖޭގެ ރޭޓިން މަތިކޮށްފައެވެ. ފިޗް ރޭޓިންގްސްއިން މިދިޔަ ޖޫން މަހު ރާއްޖޭގެ ރޭޓިން "ސީސީ" އިން "ސީސީސީ" އަށް މަތިކޮށްފައިވާއިރު، މޫޑީސްއިން ވެސް ވަނީ މިދިޔަ ހަފުތާގައި ރާއްޖޭގެ ރޭޓިން "ސީއޭއޭ1" އަށް މަތިކޮށްފައެވެ.
ރޭޓިން އޭޖެންސީތަކުން މި ބަދަލު ގެނައި މައިގަނޑު ސަބަބަކީ ރާއްޖެއިން ބޭރުގެ ދަރަނިތައް ޚަލާޞްކުރުމުގައި ދައްކަމުންދާ އިތުބާރެވެ. މި އަހަރުގެ އެޕްރީލް މަހު އަދާކުރި 500 މިލިއަން ޑޮލަރުގެ ސުކޫކާއި، އިންޑިއާއިން ނަގާފައިވާ ލޯނުތައް ފަދަ މުހިންމު ދަރަނިތައް އެއްވެސް މައްސަލައެއް ނުޖެހި ޤަވާޢިދުން ދައްކަމުންދާކަން އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.




