މާލެ ސަރަޙައްދުގައި ބަރު އުޅަނދުތައް ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

މާލެ ސަރަޙައްދުގައި މުދާ އުފުލާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުން މަނާ ގަޑިތަކެއް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.

ވުޒާރާއިން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ، މާލެ ސަރަޙައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށް ޓަކައި، ޚާއްސަކޮށް ދަރިވަރުންނަށާއި ބެލެނިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި މި ގަޑިތައް ހަމަޖައްސާފައިވާ ކަމަށެވެ.

ދުއްވުން މަނާކޮށްފައި ވަނީ 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލަރ ފަދަ ބަރު އުޅަނދުތަކެވެ.

އެގޮތުން ހެނދުނު 6:00 އިން 8:30 އަށް، މި އުޅަނދުތައް ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި، ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބުރިޖާއި ހައިވޭގައި ދުއްވުން މަނާވާނެއެވެ.

އަދި ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖާއި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން މަނާވާނެއެވެ.

މީގެ އިތުރުން، ސްކޫލް އޮންނަ ދުވަސްތަކުގައި ސްކޫލްތައް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި، ސްކޫލްތަކުގެ ސަރަޙައްދުތަކުގައި މިފަދަ އެއްވެސް އުޅަނދެއް ދުއްވުމާއި އުޅަނދުތަކުގައި މުދާ އުފުލުމަކީ މަނާކަމެއް ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

މިފަދަ އުޅަނދުތައް ދުއްވާ ފަރާތްތަކުން އެ ގަޑިތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ވުޒާރާއިން އެދެއެވެ. އަދި މި އުސޫލާ ޚިލާފުވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އޮފީސް އަދި ސްކޫލް ގަޑިތަކުގައި މާލެއާއި ހުޅުމާލެއާ ދެމެދު ބުރިޖު މަތިން ބޮޑެތި އުޅަނދުތައް ދަތުރުކުރުމުގެ ސަބަބުން ބޮޑެތި ކިއުތައް ހެދި، ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ބޮޑުވެފައިވާކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޝަންސް

ކޮމެންޓް