ފެނަކަ ކޯޕަރޭޝަންގެ ހިންގުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރާއި ހަވާލުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރެއްވި ގޮތުގައި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ސ. ފޭދޫ، ނެސްޕްރޯވިލާ، ޑރ. އަލީ އަޒުވަރެވެ.
މީގެއިތުރުން، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން މަގާމުން ވަކިކުރެއްވުމަށްފަހު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހ. ހުދުރިޔާ، އިބްރާހިމް ނިޠާމް ވަނީ އައްޔަންކުރައްވާފައެވެ.
ފެނަކައިގެ ހިންގުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރާއި ހަވާލުކޮށްފައިމިވަނީ، ފެނަކަ އުވާލައި އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާ ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މިހާރު ފެނަކައިގެ ދަށުން ހިދުމަތް ދެމުން އަންނަ ރަށްރަށުގެ އެސެސްމެންޓުތައް ހަދައި، ސްޓެލްކޯއިން ދަނީ ރަސްމީކޮށް އެ ރަށްރަށުގެ އޮޕަރޭޝަންތަކާ ހަވާލުވަމުންނެވެ.




