ހއ. މުރައިދޫގައި ސަރުކާރުން ބިނާކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ފުރާޅުގެ ބީމްތަކުގެ ޝަޓަރިންގ މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ވުޒާރާއިން މި މަޢުލޫމާތު ހާމަކޮށްފައިވަނީ މި މަޝްރޫޢުގެ އެންމެ ފަހުގެ ހާލަތު ހިއްސާކުރުމަށް އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މުރައިދޫގައި އަޅާ މިސްކިތުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. މިއީ 7.21 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން، 3,650 އަކަފޫޓުގެ ބިމެއްގައި އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭ ގޮތަށް މިސްކިތް އިމާރާތްކުރެވޭނެއެވެ. ނަމާދުކުރާ ހޯލުގެ އިތުރުން، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވުޟޫކުރެވޭނެ އިންތިޒާމުތަކާއި، ސާފުތާހިރުކުރުމަށް ބޭނުންކުރާ ތަކެތި ރައްކާކުރާނެ ތަނަކާއި، މުންނާރަކާއި މިހުރާބުގޭގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވެއެވެ. އަދި އަޑުގަދަކުރާ ނިޒާމު ކޮންޓްރޯލްކުރާ ސައުންޑް ރޫމަކާއި، އިމާމު ބޭކަލުންނަށް ޚާއްޞަ ކޮޓަރިއެއްވެސް މި މިސްކިތުގައި ގާއިމުކުރުމަށް ރޭވިފައިވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް، ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް އަދި ވަޤުފު އިމާރާތްތައް ބިނާކުރުން ހިމެނޭ ގޮތަށް 70 އަށްވުރެ ގިނަ މަޝްރޫޢެއްގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.




