ޅ. ނައިފަރާއި އެ އަތޮޅު އޮޅުވެލިފުށީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ދީފިއެވެ.
ފުލުހުން ބުނިގޮތުގައި ނައިފަރުގައި ހިންގީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ނައިފަރުން ހައްޔަރުކޮށްފައި ވަނީ ސޯސަންވިލާ، ޅ. ނައިފަރު، ޙަސަން ހުޝާމު (35އ) އާއި، ކަދުވަލުގެ، ޅ. ނައިފަރު، އާދަމް ނަޞީރު (32އ) އެވެ. މި ދެ މީހުން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ 7 ދުވަހުގެ މުއްދަތެއް ދީފައެވެ.
އޮޅުވެލިފުށީގައި ހިންގި އޮޕަރޭޝަނަކީ ވެސް އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މި މަހުގެ 13 ވަނަ ދުވަހު އޮޅުވެލިފުށި ޕޮލިހުން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި ޝެހެނާޒް، ޅ. އޮޅުވެލިފުށި، މުޙައްމަދު އަފްރާޙް (28އ) އެ ރަށު މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 7 ކަރުދާސްކޮޅު ފެނިފައިވެއެވެ.
ކޯޓުން ވަނީ މުޙައްމަދު އަފްރާޙް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި ދެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.




