ލާމެހިފައިވާ ވެއްޓެއް ގާއިމުކުރުމަށް ޓަކައި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ޑިސެބިލިޓީ އެމްބެސެޑަރުން އައްޔަންކޮށްފިއެވެ.
އެޗްޑީސީއިން ބުނީ، އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގައި މުޖުތަމައުގެ އެންމެހާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ޝާމިލުކުރުމުގެ ގޮތުން "ޕާސަންސް ވިތް ޑިސެބިލިޓީ (ޕީޑަބްލިޔުޑީ)" އެމްބެސެޑަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަންކޮށްފައިވާ ކަމަށެވެ.
ލާމެހިފައިވާ ވެއްޓެއް ގާއިމުކުރުމުގެ ތަސައްވުރުގެ ތެރެއިން މި އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހު، އެ ކޯޕަރޭޝަންގެ ޕީޑަބްލިޔުޑީ އެމްބެސެޑަރުންގެ ގޮތުގައި ރަސްމީކޮށް އައްޔަންކޮށްފައިވަނީ، ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އާމިނަތު އިރާޝާ އަދި ސެންޓްރަލް އޮޕަރޭޝަންސްގެ އަޙްމަދު ނަޖީބެވެ. އެ ބޭފުޅުންގެ އެމްބެސެޑަރުކަމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހަށެވެ.
ދެ ބޭފުޅުންނާއެކު ސޮއިކުރި ފަހުމުނާމާގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ހޯދައިދިނުމަށް އެ ބޭފުޅުންގެ ޚިޔާލާއި، މަޝްވަރާއާއި، ކަންބޮޑުވުންތައް މެނޭޖްމަންޓަށް ހުށަހެޅުމުގައި ދެ އެމްބެސެޑަރުން އެހީވާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅޭ މަސައްކަތްތައް ޑިޕާޓްމަންޓްތަކުން ކުރިއަށްގެންދޭތޯ ބެލުމުގައާއި، ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށްދަނީ އެންމެންނަށް ބައިވެރިވެވޭ ގޮތަށްކަން ކަށަވަރުކުރުމުގައި އެ ކޯޕަރޭޝަނަށް އެމްބެސެޑަރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އެންމެންނަށް ފަހި ތަނެއްގެ ގޮތުގައި ހުޅުމާލެ ބިނާކުރެވޭނީ މުޅި މުޖުތަމަޢުގެ އެއްބާރުލުމާއެކީގައިކަން ފާހަގަކުރައްވާ، ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އެކްޓިން ހެޑް މުހައްމަދު ހިސާން ވިދާޅުވިއެވެ. "މި ކޯޕަރޭޝަންގެ އެންމެ ބޮޑު އެއް އަމާޒަކީ ހުޅުމާލެއަކީ އެންމެހައި ރައްޔިތުންނަށް ބޭނުންކުރަން ފަސޭހަ، އެންމެންގެ ބައިވެރިވުން އެކުލެވޭ ރަށަކަށް ހެދުން. އަދި، ވަސީލަތްތަކާއި، މަސައްކަތުގެ މާޙައުލާއި މުޅި ހުޅުމާލެއަކީ ވެސް ލާމެހިފައިވާ ވެއްޓަކަށް ހެދުން،" އެމަނިކުފާނު ވިދާޅުވިއެވެ.
މި ފަދަ އެއްވެސް ކަންބޮޑުވުމެއް ހިއްސާކުރައްވަން ބޭނުންފުޅުވާ ނަމަ، އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅުއްވައިގެން އެކަން ހިއްސާކުރެއްވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.




