ސްރީލަންކާގެ ހާރިޖީ ވަޒީރު ވިޖިތާ ހެރަތު، އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލީޔޭވް އާ ބައްކޫގައި ބައްދަލުކުރައްވައި، ހަކަތައިގެ ދާއިރާއިން ޚާއްސަކޮށް ތެލާއި ގޭސް ސަޕްލައިގެ ރޮނގުން ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ވަރުގަދަކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ހަކަތައިގެ ދާއިރާގެ އިތުރުން ވިޔަފާރިއާއި، އިންވެސްޓްމެންޓާއި، ފަތުރުވެރިކަމުގެ ރޮނގުން ސްރީލަންކާ އާއި އަޒަރުބައިޖާނާ ދެމެދު އޮތް ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންވެސް ވާހަކަ ދެކެވުނެވެ.
މިނިސްޓަރު ހެރަތު ބައްކޫއަށް ވަޑައިގެންނެވީ، 2026 ވަނަ އަހަރުގެ އޮކްޓޫބަރު 14 އިން 15 އަށް އެ ސިޓީގައި ބާއްވާ ކޮންފެރެންސް އޮން އިންޓެރެކްޝަން އެންޑް ކޮންފިޑެންސް ބިލްޑިން މެޝާޒް އިން އެއިޝިއާ (ސީކާ)ގެ ހަތް ވަނަ ސަމިޓުގައި ސްރީލަންކާގެ ވަފުދުގެ އިސްވެރިޔާގެ ހައިސިއްޔަތުންނެވެ.
އެ ސަމިޓުގައި "ސްޓްރޯންގާ ސީކާ: ކަނެކްޓިވިޓީ، ޑިޖިޓަލައިޒޭޝަން އެންޑް ސަސްޓެއިނަބަލް ގްރޯތް އިން އެއިޝިއާ" މި ޝިއާރުގެ ދަށުން ސްރީލަންކާގެ ޤައުމީ ބަޔާން ހުށަހެޅުއްވުމަށް މިނިސްޓަރު ހެރަތު ވަނީ ތާވަލުކުރައްވައިފައެވެ.




