ހުޅުމާލެ އެކްސިޑެންޓް: ވެންޓިލޭޓަރުގައި ތިބި މީހުން ނަގައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި މި މަހުގެ 7 ވަނަ ދުވަހުގެ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އައި ދެ މީހުންގެ ހާލަތު ރަނގަޅުވަމުން އަންނާތީ، މިހާރު އެ މީހުން ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން މައުލޫމާތު ދިންގޮތުގައި، ވެންޓިލޭޓަރުން ނެގި ދެ މީހުންގެ ތެރެއިން އެކަކަށް އަދިވެސް އައިސީޔޫގައި ފަރުވާދެމުން އަންނަ އިރު، އަނެއް މީހާއަށް ފަރުވާ ދެމުންދަނީ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) ގައެވެ. މި ހާދިސާގައި ޖުމްލަ ފަސް މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން އެކަކު ވަނީ ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އަދި ބާކީ ތިބި ދެ މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގެ އާންމު ވޯޑުގައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ. ހާދިސާ ހިނގި ވަގުތު އެއް ސައިކަލުގައި ތިން މީހުން ތިބި އިރު، އަނެއް ސައިކަލުގައި ދަތުރުކޮށްފައިވަނީ ދެ މީހުންނެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި، ގަވާއިދާ ހިލާފަށް ތިން މީހުން އަރުވައިގެން ދުއްވި ސައިކަލަކީ ވެރިފަރާތުގެ ހުއްދައެއް ނެތި ނަގައިގެން ދުއްވި އުޅަނދެކެވެ. އަދި އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ނެތް މީހެކެވެ.

މި ހާދިސާއާ ގުޅިގެން، ލައިސަންސް ނެތި އަދި ގަވާއިދާ ހިލާފަށް ސައިކަލު ދުއްވި ލ. މާމެންދޫ، އިރުމަތީގެ، މުހައްމަދު ސައިފް (27އ) ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އޭނާއަށް ހޮސްޕިޓަލުގައި ދެމުންދިޔަ ފަރުވާ ނިމުމާ އެކު، މި މަހުގެ 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ފުލުހުންގެ ރެކޯޑްތަކުން ދައްކާގޮތުގައި މުހައްމަދު ސައިފަކީ މީގެކުރިން ވެސް ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ ކުށުގެ ރެކޯޑް އޮތް މީހެކެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަހުގީގުތައް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ރިއެކްޝަންސް

ކޮމެންޓް