ފެނަކައިގެ އެމްޑީ މަގާމުން ވަކިކޮށް، އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފި

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށާއި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ހަރުދަނާ ނިޒާމެއްގެ ތެރެއަށް ފެއްތުމުގެ ސިޔާސަތުގެ ދަށުން، އުވާލަން ނިންމާފައިވާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން އެ މަގާމުން ވަކިކޮށް  މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައެވެ.

ސަރުކާރުގެ ސްޓްރެޓަޖީގެ ދަށުން ފެނަކަ އުވާލައި، އެ ކުންފުނީގެ ޚިދުމަތްތަކާއި މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، މި ބަދަލާއެކު ފެނަކައިގެ އެމްޑީގެ މަގާމު ވަނީ އުވިގެން ގޮސްފައެވެ. މީގެ އިތުރުން، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލައި، އެ ތަނުގެ މަސައްކަތްތައް ވެސް އެމްޓީސީސީއާ ހަވާލުކުރުމަށް ވަނީ ނިންމާފައެވެ. އަދި މީގެއިތުރުން އެގްރޯނެޓް މިފްކޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް ބަދަލުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފާވާއިރު، ކުންފުނިތަކުގެ އޮނިގަނޑު ހަރުދަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.

ފެނަކަ އުވާލުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކުރީގެ އެމްޑީޕީ ސަރުކާރުގައި ފެނަކައިގެ މާލީ ކަންކަން ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުތަކުން ސާފުކޮށް ފެންނަން އޮތް ކަމަށެވެ. އެ ކުންފުނީގެ ހިންގުން ރަނގަޅުކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރެވުނު ނަމަވެސް، އެއީ ދެމެހެއްޓެނިވި ގޮތެއްގައި މާލީ ދުޅަހެޔޮކަމާއެކު ކުރިއަށް ގެންދެވޭނެ ކަމެއް ކަމަށް ފަންނީ ބޭފުޅުންނަށް ފެނިވަޑައިނުގެން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން، މި ކަމާ މެދު ވަރަށް ފުންކޮށް ވިސްނައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު، ދައުލަތަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރުވައިގަތުމަށް ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ނިންމީ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ މިފަދަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލުއި ލިބި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ސަރުކާރުން ޔަގީންކުރެއެވެ.

ރިއެކްޝަންސް

ކޮމެންޓް