ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ބޯޑުން އިބްރާހީމް ނަޒީމް ވަކިކުރައްވައި، އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ ހަމަޖައްސަވައިފިއެވެ.
މި ބަދަލަކީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށާއި، ދައުލަތުގެ ކުންފުނިތައް ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން ގެންނަ މުހިންމު ބަދަލެކެވެ.
ސަރުކާރުން ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ) އާ އެއްކޮށްލުމަށް ނިންމާފައެވެ. މިއީ ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އެއް މަަސައްކަތްތަކެއް ކުރާ ކުންފުނިތައް އެއްކޮށްލައި، އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އެޅޭ ފިޔަވަޅެކެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އާރްޑީސީން މައިގަނޑު ގޮތެއްގައި ކުރަމުންދަނީ މަގުހެދުމުގެ މަސައްކަތް ކަމަށާއި، އެމްޓީސީސީއަކީ ވެސް މަގު ހެދުމާއި އެހެނިހެން އުމްރާނީ ބޮޑެތ މަޝްރޫއުތައް ހިންގާ ފަރާތެއް ކަމަށެވެ. ވަކިވަކިން މިފަދަ ކުންފުނިތައް ހިންގުމުގެ ސަބަބުން މަސައްކަތްތައް ޑުޕްލިކޭޓްވެ، ހިންގުމުގެ ޚަރަދު އިންތިހާއަށް ބޮޑުވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވިގޮތުގައި، މިފަދަ އެފިޝިއެންޓް ނިޒާމެއްގެ ތེެރެއިން އުމްރާނީ ތަރައްގީގެ މަސައްކަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުން، ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެއެވެ. އަދި އާރްޑީސީ އުވާލެވި، އެމްޓީސީސީއާ އެއްކޮށްލުމުން އެ ކުންފުނީގެ ގާބިލުކަން އިތުރުވެ، ރައްޔިތުންނަށް މާ ފުރިހަމަ އަދި އަވަސް ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޔަގީންކުރެއެވެ.
ދައުލަތުގެ ކުންފުނިތައް އިސްލާހުކުރުމުގެ މި ސިޔާސަތުގެ ދަށުން، އާރްޑީސީގެ އިތުރުން ފެނަކަ ކޯޕަރޭޝަން ފަދަ އެހެން ކުންފުނިތައް ވެސް އުވާލައި، އެހެން މުއައްސަސާތަކާ އެއްކޮށްލުމުގެ މަސައްކަތްތައް ސަރުކާރުން މިހާރުވެސް އަންނަނީ ކުރަމުންނެވެ. މި ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުވެ، މުވައްޒަފުންގެ މަސައްކަތްތައް ހަރުދަނާވެގެންދާނެ ކަމަށް އިތުބާރު ކުރެވެއެވެ.




