މިސްކިތްތައް މަރާމާތުކުރުމަށް އުރީދޫއާއެކު ފަހުމުނާމާގައި ސޮއިކޮށްފި

އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް (ޕީ.އެލް.ސީ) ގުޅިގެން، ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށް، ފަހުމުނާމާއެއް (އެމް.އޯ.ޔޫ)ގައި ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހުޅުމާލޭގައި ހުންނަ އުރީދޫގެ ހެޑް އޮފީހުގައި ކަމަށެވެ. ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު ޝާދީ ޤަވާސްމީއެވެ.

މިނިސްޓްރީން ބުނެފައިވަނީ، މި ފަހުމުނާމާގެ ސަބަބުން މިސްކިތްތައް މަރާމާތުކުރުމާއި ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރާއި އުރީދޫ ދެމެދު ގުޅިގެން އިންތިޒާމުކުރާނެ ކަމަށެވެ. މިއީ އުރީދޫގެ ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ ދަށުން ހިންގާ މަޝްރޫޢެކެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިސްކިތްތަކުގައި ކުރަން ހުރި މަރާމާތުތައް ކޮށްދިނުމަށް މި މަޝްރޫޢުގެ ދަށުން އިސްކަންދެވޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. "އުރީދޫ މަސްޖިދުނާ" ގެ ދަށުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަސް މިސްކިތެއް މަރާމާތުކުރުމަށް އުރީދޫއިން އަމާޒުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ރިއެކްޝަންސް

ކޮމެންޓް