ދައުލަތުގެ މުއައްސަސާތަކުގެ މައުލޫމާތު އެއްތަނަކުން ބެލޭނެ ޑިރެކްޓަރީއެއް ރައީސް އޮފީހުން އިފުތިތާހުކޮށްފި

ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާއެކު ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން، "ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކްޓަރީ" އެކުލަވާލައި، އެކަމަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ޑިރެކްޓަރީއަކީ "މޯލްޑިވްސް 2.0" ގެ ތަސައްވުރާ އެއްގޮތަށް، ދައުލަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގެމަތިން ސަރުކާރުގެ ހިންގުން ބައްޓަންކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޑިރެކްޓަރީއަށް directory.presidency.gov.mv މެދުވެރިކޮށް މިހާރު ވަދެވޭނެއެވެ. މި ޑިރެކްޓަރީ މެދުވެރިކޮށް ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، އޮފީސްތަކުގެ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރުތަކުގެ އިތުރުން މީސްމީޑިއާގެ ލިންކުތައް ފަދަ މައުލޫމާތު ރައްޔިތުންނަށް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.

ޑިރެކްޓަރީ އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި، މުއައްސަސާއެއްގެ އިސްވެރިޔާގެ ގޮތުގައި ކަނޑައަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި، މުވާސަލާތީ މައުލޫމާތު ނުވަތަ މީސްވިއުގަ ލިންކުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގަންވާނެއެވެ. މިފަދަ ބަދަލުތައް ހުށަހަޅަންވާނީ ޑިރެކްޓަރީގެ ވެބްސައިޓުގައިވާ މައްސަލަ ހުށަހަޅާ ފޯމު ނުވަތަ އީމެއިލް މެދުވެރިކޮށެވެ.

މީގެއިތުރުން، ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، މަތުބޫއާތަކާއި، މައުލޫމާތު ބަލަހައްޓާ ސިސްޓަމްތަކާއި، ޑޭޓާބޭސްތަކާއި، ވެބްސައިޓްތައް އަދި ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ދައުލަތުގެ މުއައްސަސާތަކުގެ ނަންތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވާނީ މި ޑިރެކްޓަރީގައި ބަޔާންކޮށްފައިވާ ގޮތަށް ކަމުގައިވެސް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

މި ޑިރެކްޓަރީ ވެގެންދާނީ ދައުލަތުގެ އިދާރާތަކުގެ މައުލޫމާތު ހޯދުމުގައި އާންމު ރައްޔިތުންނަށާއި، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކަށް ބޮޑު ލުއިފަސޭހަކަމެއް ގެނެސްދޭނެ ވަސީލަތަކަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރިއެކްޝަންސް

ކޮމެންޓް