ދ. މީދޫގައި ޤާއިމުކުރާ ޕޮލިސް ސްޓޭޝަންގެ މައި ޢިމާރާތުގެ ރޫފް ބީމް އެޅުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.
އެމްޓީސީސީއިން ބުނީ، މީދޫ ޕޮލިސް ސްޓޭޝަން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މައި ޢިމާރާތުގެ ރޫފް ބީމް އެޅުމުގެ މަސައްކަތުގެ އިތުރުން ސެލް ބްލޮކްގެ ކޮލަމްތަކުގެ މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މި މަޝްރޫޢު އެމްޓީސީސީއާ ރަސްމީކޮށް ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 14 މާރިޗު 2026 ގައެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 10 ރަށެއްގައި ޕޮލިސް ޕޯސްޓު ޤާއިމުކުރުމާއި، ދ. މީދޫ ހިމެނޭހެން 5 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ވަނީ އެ ކުންފުންޏާ ޙަވާލުކޮށްފައެވެ.
ޕޮލިސް ޕޯސްޓު އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 10 ރަށަކީ އދ. އޮމަދޫ، އއ. ފެރިދޫ، ބ. މާޅޮސް، ރ. ކިނޮޅަސް، ނ. ފޮއްދޫ، ހދ. ފިނޭ، ދ. ރިނބުދޫ، ރ. ފައިނު، ނ. މާފަރު އަދި ބ. ފުލިދޫއެވެ. ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ އއ. އުކުޅަސް، ދ. މީދޫ، ކ. މާފުށި، ކ. ތުލުސްދޫ އަދި ނ. މަނަދޫގައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، މިއީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.




