މާލޭގައި ހިންގި ބަނގުރާ ނެޓްވޯކުގެ މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ދީފި

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކާ ނެޓްވޯކަކަށް އަމާޒުކޮށް ހެންވޭރު ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ފުޅި ހޯދި މައްސަލައާ ގުޅިގެން 53 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފިއެވެ.

ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހ. މާދޫގޭގެ ފުރަތަމަ އަދި ފަސް ވަނަ ފަންގިފިލާ ބަލައިފާސްކޮށް ހިންގި ހާއްސަ އޮޕަރޭޝަނުގައި ޖުމްލަ 826 ފުޅި ބަނގުރާ ވަނީ އަތުލައިގަނެފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށް މުއްދަތު ޖަހާފައިވަނީ ހ. ކަރޯގެ، މާލެ، އުމުރުން 53 އަހަރުގެ މުޙައްމަދު ރަޝްވާން އައްބާސްއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ބޭނުންކޮށް، ގެންގުޅެ، އެ ތަކެތިން ވިޔަފާރިކުރުމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ވަނީ ހުށަހަޅާފައެވެ. އެގޮތުން ބަނގުރަލުގެ މައްސަލައެއްގައި ހުއްޓުވި ދެ މީހަކު ދިން މައުލޫމާތާ ގުޅިގެން އޭނާއާ ގުޅުންހުރި ތަންތަން ބަލައިފާސްކުރިއިރު 800 އަށްވުރެ ގިނަ ބަނގުރާ ފުޅި ފެނިފައިވާކަން އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ހުއްޓުވި ދެ މީހުންނަކީ އޭނާގެ ދެ މުވައްޒަފުން ކަމަށާއި، އެއީ އޭނާ ބުނެގެން ކުރި ކަމެއް ކަމަށް އެ ދެ މީހުން ބުނެފައިވާ ކަމަށް އައިއޯ ވިދާޅުވިއެވެ. ނަމަވެސް، ރަޝްވާން ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށް، އެ ތަން ބަލައިފާސްކުރީ އޭނާ ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއްގެ ހާޒިރުގައި ނޫން ކަމަށް ބުނެފައެވެ. ކަފާލާތުގެ ދަށުން ދޫކޮށްލަން އެދުނު ނަމަވެސް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ.

މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ތިން މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ އަލް އަމީން (34އ)، ޕޮލިން (43އ) އަދި އެމް.ޑީ. ރަކިބް ހޮސެން (25އ) އެވެ. ކޯޓުން ވަނީ އަލް އަމީން އަދި ޕޮލިންގެ ބަންދަށް 5 ދުވަސް އަދި އެމް.ޑީ. ރަކިބް ހޮސެންގެ ބަންދަށް 15 ދުވަސް ދީފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި މަސްތުވާތަކެތީގެ ނެޓްވޯކްތަކުގައި ބައިވެރިވާ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އަންނީ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

ރިއެކްޝަންސް

ކޮމެންޓް