އިމްޕޯޓަށް ބަރޯސާނުވެ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި އުފެއްދުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

އެކަށައަޅާފައިވާ ކާބޯތަކެތީގެ ބާވަތްތައް އިމްޕޯޓްކުރުމާ ނުލައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި ބާޒާރަށް ނެރެވޭނެ މަގުފަހިކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 17 ވަނަ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދަނޑުވެރިންނާއި އެ މީހުންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ވިދާޅުވީ، ދަނޑުވެރިންގެ ދުވަހަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިޤުތިޞާދު ސިންދަފާތުކުރުމަށް ހީވާގި ދިވެހި ދަނޑުވެރިން ކުރާ މަސައްކަތުގެ އަގުވަޒަންކުރާ ދުވަހެއް ކަމަށެވެ. އަދި އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން އަމިއްލަ ފަސްގަނޑުގައި ތަކެތި އުފެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ސީދާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ބާޒާރުގައި ކާބޯތަ

ކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި ދަތުރުފަތުރުގެ ހުރަސްތަކުން ގައުމު ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ދަނޑުވެރިކަން ފުޅާވުމުން ގައުމުގައި ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ. ރައީސް ވިދާޅުވި ގޮތުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނެ މަގުތައް ކޮށައިދިނުމުގެ މަސައްކަތް ސަރުކާރުން މެދުނުކެނޑި ކުރިއަށްގެންދާނެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ފެށީ 2009 ވަނަ އަހަރުއެވެ. "އީޖާދުން، މާދަމާގެ ދިރުން" މި ޝިއާރުގެ ދަށުން މިއަދު ފާހަގަކުރަމުންދަނީ 17 ވަނަ ޤައުމީ ދަނޑުވެރިންގެ ދުވަހެވެ.

ރިއެކްޝަންސް

ކޮމެންޓް