ސެޕްޓެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 15 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައެވެ. އޮގަސްޓް މަހު ރަސްމީ ރިޒާވް ހުރީ 643.9 މިލިއަން ޑޮލަރުގައި ކަމުން، މިއީ 96.9 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
މި މުއްދަތުގައި ބޭނުންކުރެވޭ ރިޒާވް ވެސް 200.6 މިލިއަން ޑޮލަރުން 169.8 މިލިއަން ޑޮލަރަށް ވަނީ ވެއްޓިފައެވެ. މިއީ 15.4 އިންސައްތައިގެ ދަށްވުމެކެވެ.
ރިޒާވް ދަށްވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެމްއެމްއޭއިން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އޮގަސްޓް މަހާ އަޅައިބަލާއިރު، ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.
ބޭރު ފައިސާ ދޫކުރުން ބޮޑަށް އިތުރުވީ، 2019 ވަނަ އަހަރު ދައުލަތުގެ ބަޖެޓަށް އެހީތެރިވުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ގެ ތެރެއިން ނުދައްކާ އޮތް ފަހު 50 މިލިއަން ޑޮލަރު ދައްކައި ޚަލާޞްކުރުމަށް، ސަރުކާރަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމުންނެވެ.
މީގެ އިތުރުން، ބޭރު ފައިސާގެ ބާޒާރު ހަމަޖެއްސުމަށްޓަކައި ވޭތުވެދިޔަ މަސްތަކުގައި ކުރި ފަދައިން، ސެޕްޓެމްބަރު މަހު ވެސް އެމްއެމްއޭއިން ވިޔަފާރި ބޭންކުތަކަށް ވަނީ ޑޮލަރު ދޫކޮށްފައެވެ.




