ސަޢޫދީ ޢަރަބިއްޔާގެ އިރުމަތީ ޕްރޮވިންސްގެ ދަހްރާންގައި ހުންނަ ސަޢޫދީ އަރާމްކޯގެ އިދާރީ އިމާރާތަކަށް ހަމަލާއެއް އަމާޒުވެ، އެ އިމާރާތުގައި ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ސަޢޫދީގެ އެނަރޖީ މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީގެ ރަސްމީ މަސްދަރަކުން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އަލިފާން ރޯވި ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށާއި، އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ވެސް ލިބިފައި ނުވާ ކަމަށް އެ މަސްދަރުން ބުނެފައިވެއެވެ. ކަމާބެހޭ އިދާރާތަކުން ވަގުތުން އެ ސަރަހައްދަށް ގޮސް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް އެ މަސްދަރުން ބުނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، ބެލިސްޓިކް މިސައިލެއް އަމާޒުވެފައިވަނީ އެ އިމާރާތުގެ އެންމެ މަތީ ތިން ފަންގިފިލާއަށެވެ. މި ހަމަލާ ދީފައިވަނީ ސަޢޫދީގެ ތެޔޮ ކާރުޚާނާތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ހޫޘީން ދިނުމަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.
ޔަމަނުގެ ގާނޫނީ ސަރުކާރަށް ތާއީދުކުރާ ކޯލިޝަނުން ހާމަކުރި ގޮތުގައި، ހޫޘީން ދަހްރާނަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ސަޢޫދީގެ ވައިގެ ދިފާއީ ބާރުތަކުން ހުއްޓުވައި ވައްޓާލާފައިވެއެވެ. ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ ވިދާޅުވީ، އެ މިސައިލްގެ ބައެއް ބައިތައް ދަހްރާންގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓިފައިވާ ކަމަށެވެ.
މީގެ އިތުރުން، އަލް އަހްސާ ގަވަރުނަރޭޓްގެ ހަރަޟް ސެންޓަރަށް އަމާޒުކުރި އިތުރު ބެލިސްޓިކް މިސައިލަކާއި، ރިޔާޟުގެ އުތުރުން ދަތުރުކުރި ތިން ޑްރޯން ވެސް ދިފާއީ ބާރުތަކުން ވައްޓާލާފައިވާ ކަމަށް ކޯލިޝަނުން ހާމަކޮށްފައިވެއެވެ.
ހަމައެއާއެކު، ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލްތަކެއް ވެސް ސަޢޫދީން ވަނީ ވައްޓާލާފައެވެ. އެ މިސައިލްތަކުގެ ބައިތައް ވެއްޓުމުގެ ސަބަބުން 15 ގެއަކަށް ގެއްލުންވެ، 4 އާންމުންނަށް (ދެ އަންހެނުން، ފިރިހެނެއް އަދި ކުޑަކުއްޖަކަށް) ވަނީ އަނިޔާވެފައެވެ.
މި ހަމަލާތަކާ ގުޅިގެން ސަޢޫދީ ކޯލިޝަނުން ވަނީ ޔަމަނުގެ ވެރިރަށް ޞަންޢާއާއި ހުދައިދާގައި ހުރި ހޫޘީންގެ ތެޔޮ ސްޓޭޝަންތަކަށާއި ގުދަންތަކަށް ހަމަލާދީފައެވެ. ކޯލިޝަންގެ ތަރުޖަމާނު ވިދާޅުވީ، މިއީ ހޫޘީންގެ އަސްކަރީ ބާރު ކަނޑާލުމަށް ދިން ހަމަލާތަކެއް ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތުކުރި ގޮތުގައި، ހޫޘީން ސަޢޫދީގެ ތަންތަނަށް ހަމަލާދެމުން އެދަނީ އެމެރިކާގެ އިންތިޚާބާ ދިމާކޮށް ދުނިޔޭގެ ތެލުގެ އަގު އުފުލުމުގެ ބޭނުމުގައި ކަމަށެވެ. މިއާއެކު އެމެރިކާއިން ޔަމަނަށް ސީދާ ހަމަލާދިނުމާ މެދު ވެސް ދަނީ މަޝްވަރާކުރަމުންނެވެ.




