އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ގާނޫނާއި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.
މި ބަދަލު ގެންނަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 93 ވަނަ މާއްދާގެ ދަށުންނެވެ. މިކަމާ ގުޅިގެން އިގުތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި ވިދާޅުވީ، މިއަދުން ފެށިގެން 7 ދުވަހުގެ ފަހުން ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ތަންފީޒީ އިދާރާގެ ޒިންމާތައް އަދާކުރަން ފަށާނެ ކަމަށެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ދަތުރުފަތުރާބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ދިވެހި ފުލުހުންގެ ހިދުމަތުން މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި، ގަވާޢިދާ ހިލާފުވެގެން ފިޔަވަޅު އަޅާ ފަރާތްތަކަށް އެ މައުލޫމާތު އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ހިއްސާކުރާނެއެވެ. އެހެންކަމުން، އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ސީދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މިހާރު ބޭނުންކުރާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް "ސިމްސް" ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓް ކުރުމަށް އެ ވުޒާރާއިން ވަނީ އަންގަވާފައެވެ.
މާލެ އަދި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އެޅުމުގައި ފުރަތަމަ މަރުހަލާގައި ހާއްސަ އިސްކަމެއް ދީގެން ބަލާނެ ސަރަހައްދުތަކާއި މަގުތައްވެސް މިހާރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހޮސްޕިޓަލްތަކާއި ސްކޫލްތައް ހުންނަ ސަރަހައްދުތަކާއި، ކަފިހިހުރަސްތަކުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދުތަކަށް ހާއްސަކޮށްފައިވާ ސްލޮޓްތައް ހުންނަ ސަރަހައްދުތަކަށް ހާއްސަ އިސްކަމެއް ދޭނެއެވެ.
މީގެ އިތުރުން މާލޭގެ މައި މަގުތަކުގެ ތެރެއިން މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު (ރިންގ ރޯޑް) ގައި ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތައް ބަލައި ފިޔަވަޅު އަޅާނެއެވެ. އަދި ހުޅުމާލެ ފޭސް 1 ގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން، އަދި ރީތިގަސް މަގުގެ އިތުރުން ފޭސް 2 ގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގުގައިވެސް މި ނިޒާމު ތަންފީޒުކުރަން ވަނީ ހަމަޖެހިފައެވެ.




