ހދ. ކުމުންދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރާއި، ފެންސް ޖެހުމާއި ލައިޓިން ހަރުކުރުމުގެ މަޝްރޫޢުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ވެސް މި މަޝްރޫޢުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ހާމަކޮށްފައިވެއެވެ.
އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ ފުޓްބޯޅަ ދަނޑުގެ ވަށާފާރުގެ ޕްލާސްޓަރު ކުރުމުގެ (ސިމެންތި ޖެހުމުގެ) މަސައްކަތްތައް ކަމަށެވެ. މީގެ އިތުރުން ދަނޑުގެ ވަށައިގެން ޖަހާ ފެންސް ޖެހުމާއި، ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓިންގ ސިސްޓަމް ހަރުކުރުމުގެ އަމަލީ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މި މަޝްރޫޢުގެ ދަށުން ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ.
މިނިސްޓްރީން ބުނާ ގޮތުގައި، މިހާރު ސައިޓުގައި ކުރިއަށްދަނީ ވަށާފާރުގައި ސިމެންތި ޖެހުމުގެ މަސައްކަތާއި، ވަށައިގެން ދާޖެހުމާއި، ރޭގަނޑު ކުޅެވޭ ފެންވަރަށް ލައިޓް ޕޯސްޓްތައް ހަރުކުރުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫޢަކީ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެމްޓީސީސީއާ ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
ކުމުންދޫގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކޮށް ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، މި ފުޓްބޯޅަ ދަނޑުގެ އިތުރުން އެ ރަށުގައި ޤާއިމުކުރެވުނު ފުޓްސަލް ދަނޑުގެ މަސައްކަތްވެސް ވަނީ އެއްކޮށް ނިންމާލެވިފައެވެ. މީގެ އިތުރުން، ވޮލީ ކޯޓަކާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ވަނީ ރޭވިފައެވެ.




