މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ޕެރޯލްގެ ދަށުން މިނިވަންކުރި އަބްދުﷲ އިބްރާހިމް (އަބުޗާ) ދޫކޮށްލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލައި ތަހުގީގުކުރުމަށާއި، އެކަން ހިނގައިދިޔަ ގޮތް ސާފުކުރުމަށް ޕެރޯލް ބޯޑުގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގުމުގެ ކުށް ސާބިތުވެ، 25 އަހަރަށް ޖަލަށްލާފައިވާ އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލާފައިވަނީ ހުކުމުގެ ފަސް އަހަރު ދުވަސް ހޭދަކުރުމަށްފަހުއެވެ. ނަމަވެސް މި މައްސަލަ ފެންމަތިވުމާއެކު، މި މަހުގެ 6 ވަނަ ދުވަހު އޭނާ ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ. އަދި މި މައްސަލައާ ގުޅިގެން ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން ވަނީ މަގާމުން ވަކިކޮށްފައެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މި މައްސަލަ ބަލަން ނިންމާފައިވަނީ، މިފަދަ ބޮޑު ކުށްވެރިޔަކު ދޫކޮށްލުމުގައި އަމަލުކޮށްފައިވާ ގޮތާއި، ބޯޑުގެ މެންބަރުންނަށް ޤާނޫނީ ގޮތުން އޮޅުންއެރީ ކީއްވެތޯ ބެލުމުގެ ގޮތުންނެވެ. އަދި މި މައްސަލައިގައި ހޯމްލޭންޑް މިނިސްޓްރީއާ މުއާމަލާތްކޮށްފައިވާ ގޮތް ސާފުކުރުމަށްޓަކައި ޕެރޯލް ބޯޑުގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ކޮމިޓީގެ މެންބަރުން ވަނީ އިއްތިފާގުން ތާއީދުކުރައްވާފައެވެ.




