މޫސުން ގޯސްވެ ދެކުނުގެ އަތޮޅުތަކަށް ނެރުނު ހުދުސަމާލު ދަންމާލާއިފި!

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މެޓް އޮފީހުން މީގެ ކުރިން ނެރެފައިވާ ހުދު ސަމާލު މިރޭ 19:00 އާ ހަމައަށް ދަންމާލާފައިވާ ކަމަށް ގައުމީ މޫސުމާބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބަޔާންކޮށްފައިވާ ގޮތުގައި، މި ސަމާލުގެ މުއްދަތުގައި އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 30 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ. އާންމު ހާލަތުގައި ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ މައްސަލަތައް ދިމާވެފައިވާއިރު، ސެޓެލައިޓް ފޮޓޯތަކުން ދައްކާގޮތުން މުޅި ރާއްޖެއަށް، ޚާއްސަކޮށް މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ވިލާ ބޯވެފައިވާކަން ފާހަގަކުރެވެއެވެ.

ވައިރޯޅިއާއި މޫސުމަށް އަންނަ ބަދަލުތަކަށް ބަލާއިރު، މިހާރު ކުރިއަށްދަނީ ހުޅަނގު މޫސުމުގެ "ހިތަ" ނަކަތެވެ. އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ މި ނަކަތަކީ އާންމުކޮށް ވައި މަޑުވެފައި، އެކި ދުވަސްތަކުގައި އެކިވަރަށް ވިއްސާރަކުރާ ނަކަތެކެވެ. މެޓް އޮފީހުން ލަފާކުރާގޮތުގައި ވިއްސާރަކުރި ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވޭއިރު، ކުރިއަށް އޮތް ހަފްތާގައި މުޅި ރާއްޖެއަށް ވެސް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރިއެކްޝަންސް

ކޮމެންޓް