ގއ. ވިލިނގިލީގައި ސަރުކާރުން އިމާރާތްކުރަމުން އަންނަ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފީގެ މަސައްކަތް މި ހިނގާ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން އެކްސްގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ވިލިނގިލީގެ މި މަރުކަޒުގައި މިހާރު ކުރިއަށްދަނީ އިމާރާތުގެ ފިނިޝިންގ މަސައްކަތްތަކެވެ. އަދި މި މަސައްކަތްތައް ނިމުމަކާ ހަމައަށް ގޮސްފައިވާއިރު، މި މަހުގެ ނިޔަލަށް މަރުކަޒު އެއްކޮށް ނިންމާލެވޭނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤުރުއާނުގެ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްގެ ދަށުން، ޖުމްލަ 15 ގޮތްޕެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާކަން ވުޒާރާއިން ވަނީ މިދިޔަ ޖުލައި މަހު އިއުލާނުކޮށްފައެވެ. މީގެ އިތުރުން އަލަށް ބިނާކުރެވޭ އިސްލާމީ މަރުކަޒުތަކުގައި ވެސް ޤުރުއާނާ ބެހޭ މަރުކަޒުގެ ކްލާސްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކޮށް، ޤުރުއާނުގެ ޢިލްމު އުނގަންނައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. މި ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ރިވެތި އުސޫލުތަކަށް ލޯބިކުރާ، އަދި ކީރިތި ޤުރުއާނަށް އަހުލުވެރި ޖީލެއް މުޅި ރާއްޖޭގައި ބިނާކުރުމެވެ.
ކީރިތި ޤުރުއާނުގެ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެމުން އަންނައިރު، ޤައުމީ ޤުރުއާން މުބާރާތަކީ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްގެން ބާއްވާ، އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ ޤައުމީ މުބާރާތުގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ޙާފިޒުންނަށް ދޭ ޚާއްޞަ އެލަވަންސް ދެގުނައަށް ބޮޑުކޮށް، ހިފްޒު އިމްތިޙާނު ކުރާ ކޮމިޓީތަކުގެ އަދަދު އިތުރުކުރުން ފަދަ ގިނަ ހެޔޮ ބަދަލުތަކެއް ސަރުކާރުން ވަނީ ގެނެސްދީފައެވެ.



