އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ރެކޯޑް އޮންނަ އިތުރު ހަތަރު މީހަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތްދީ، އިންޒާރު ދީފިއެވެ.
ފުލުހުން ބުނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހާޒިރުކުރީ 18 އަހަރުގެ މީހަކާއި، 20 އަހަރުގެ ދެ މީހުންނާއި، 22 އަހަރުގެ މީހެއް ކަމަށެވެ. މިއީ ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ މީހުން ހުއްޓުވުމަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން އެޅި ފިޔަވަޅެކެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ މީހާ ހާޒިރުކޮށް ނަސޭހަތްދީފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
ފުލުހުން ބުނީ، ހާޒިރުކުރި 18 އަހަރުގެ މީހާއަކީ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް އުޅަނދު ދުއްވުމާއި، މަގުތަކުގައި ޒިގްޒެގްކޮށް ބާރު ސްޕީޑުގައި ދުއްވުމާއި، ލައިސަންސް ނެތި ދުއްވުމުގެ އިތުރުން، އުޅަނދަށް ދޫކޮށްފައިވާ ނަންބަރު ނޫން އެހެން ނަންބަރެއް ހަރުކޮށްގެން ދުއްވުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.
20 އަހަރުގެ އެއް މީހާއަކީ ވަންވޭއާ ހިލާފަށް ދުއްވުމާއި، ޓްރެފިކް ލައިޓް ރަތްވެފައި ވަނިކޮށް ދުއްވުމާއި، ރަޖިސްޓްރީ ނުކޮށް އުޅަނދު ދުއްވުމާއި، ލައިސަންސް ނެތި ދުއްވުމުގެ އިތުރުން ސްޓިކާގެ އަދަދު ހަމަވެފައި ވަނިކޮށް ދުއްވުމުގެ ރެކޯޑް އޮންނަ މީހެކެވެ.
20 އަހަރުގެ އަނެއް މީހާއަކީ ގަޑިއަކު 106 ކިލޯމީޓަރުގެ ބާރުމިނުގައި ސައިކަލު ދުއްވުމާއި، ލައިސަންސް ނެތި ދުއްވުމުގެ ހަތަރު މައްސަލައާއި، އަހަރީ ފީ ހަމަވެފައި ވަނިކޮށް ދުއްވުމުގެ ރެކޯޑް އޮންނަ މީހެކެވެ.
22 އަހަރުގެ މީހާގެ ރެކޯޑުތަކުގެ ތެރޭގައި ގަޑިއަކު 83 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުމާއި، މަނާ ތަންތަނުން ޔޫޓާން ނެގުމާއި، ސައިކަލު ދުއްވަމުން މުވާސަލާތީ ވަސީލަތް ބޭނުންކުރުން ހިމެނެއެވެ. މީގެ އިތުރުން، އިންޝުއަރެންސް، ރޯޑްވާދިނަސް އަދި އަހަރީ ފީ ހަމަވެފައި ވަނިކޮށް ދުއްވުމާއި، ސައިލެންސަރު މޮޑިފައިކޮށްގެން އަޑުގަދަކޮށް ދުއްވުމުގެ ރެކޯޑު ވެސް އޭނާގެ މައްޗަށް އެބައޮތެވެ.
ނުރައްކާތެރިކޮށް އުޅަނދު ދުއްވާ މީހުން ދެނެގަނެ ފުލުހަށް ހާޒިރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، ނަސޭހަތް ގަބޫލުނުކޮށް މިފަދަ ކަންކަން ތަކުރާރުކުރާ މީހުންނާމެދު ގާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.



