ޖަލުތަކަށް އާ އޮފިސަރުން ހޯދުމަށް އިއުލާނުކޮށްފި

ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި "ޕްރިޒަން އޮފިސާ ޓްރޭނީން" ގެ މަޤާމަށް މީހުން ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އިއުލާނުކޮށްފިއެވެ.

ކަރެކްޝަނުން ބުނީ ޖަލުތަކުގައި ހިދުމަތް ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައި ކަމަށެވެ.

ވަޒީފާއަށް އެދި ހުށަހަޅަން ޖެހެނީ ކަރެކްޝަންސްގެ ޕޯޓަލް މެދުވެރިކޮށްކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ.

އެ މަޤާމަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 6،050 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ތަމްރީނު ފުރިހަމަކޮށް ހުވާ ކުރުމުން ސާވިސް އެލަވަންސްގެ ގޮތުގައި އިތުރު 5،555 ރުފިޔާ ލިބޭނެކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ.

ދިވެހި ރައްޔިތަކަށް ވުމާއެކު، އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން ޝަރުޠެކެވެ. މަޤާމާ ގުޅޭ ދާއިރާއަކުން އެމްއެންކިއުއެފް ލެވެލް 3 ގެ ސަނަދެއް އޮތުން، ނުވަތަ ގްރޭޑް 10 ނިންމާފައިވުން، ނުވަތަ ނޭޝަނަލް ސާވިސް ޕްރޮގްރާމް ފުރިހަމަކޮށްފައިވުން ވެސް ލަފާގައި ބަލަނެވެ.

ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުން، ޖިނާއީ ކުށެއްގެ ރެކޯޑު ނެތް މީހަކަށް ވުމާއި، މަސްތުވާތަކެތީގެ ފަރުވާ ހޯދާފައިވާ މީހަކަށް ނުވުން ވެސް ޝަރުޠުތަކެވެ.

މީގެ އިތުރުން ވަޒީފާއަށް އެދޭ މީހުންގެ ހަށިހެޔޮކަން ކަށަވަރުކުރުމަށްޓަކައި ހަދާ ފިޒިކަލް ފިޓްނަސް ޓެސްޓާއި ފެތުމުގެ ޓެސްޓުން ފާސްވާން ޖެހޭނެކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ. އިންޓަވިއު، މެޑިކަލް އެގްޒަމިނޭޝަން އަދި ބެކްގްރައުންޑް އެސެސްމަންޓުންވެސް ފާސްވާން ޖެހޭނެކަމަށެވެ.

ރިއެކްޝަންސް

ކޮމެންޓް