ދިވެހި ލީގުގައި ބުރުން ގައްދޫ ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ގައްދޫ ރެކްރިއޭޝަން ކްލަބް 2-0 ގެ ނަތީޖާއަކުން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި މެޗާ ކުރިމަތިލީއިރު ދެ ޓީމަށްވެސް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން މި މެޗު ކާމިޔާބުކުރުމުން ބުރު ސްޕޯޓްސްއަށް ވަނީ ސީޒަންގެ ފުރަތަމަ ތިން ޕޮއިންޓު ލިބިފައެވެ.

ޤައުމީ ދަނޑުގައި ކުޅުނު މި މެޗުގައި ބުރުން ލީޑު ނެގީ 51 ވަނަ މިނެޓުގައެވެ. ހަލީލް ގަމާލް މެދުތެރެއިން ޑިފެންސް ފަހަތަށް ކުޅުނު ބޯޅައިގައި، ބުރުގެ ބިދޭސީ ފޯވާޑް ހުއާން އެޑްވާޑޯ ލެކާނޯ ވޮލީއެއްގައި ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ.

ނަތީޖާ ޔަގީންކުރުމަށް ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ 78 ވަނަ މިނެޓުގައި އިބްރާހީމް އުސާމާ ހަސަން މަޖީދެވެ. އަލީ ހަމްދާން ޖައްސާލި ބޯޅައަށް އަރިމަތިން މަސައްކަތްކޮށް، އުސާމާ އޭރިއާ ތެރެއަށް ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ގައްދޫގެ ކީޕަރުގެ އަތުގައި ޖެހިފައެވެ.

މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި އުސާމާ ވަނީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.

މިއީ މި ސީޒަނުގެ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން ކުޅުނު ހަތަރުވަނަ މެޗެވެ. ފުރަތަމަ ތިން މެޗުން ބަލިވެފައިވީ ނަމަވެސް، މި މެޗުން ހޯދި ޕޮއިންޓާއެކު އެ ޓީމު ވަނީ ތާވަލުގެ 8 ވަނައަށް ޖެހިލާފައެވެ.

ލީގުގައި އަލަށް ވާދަކުރާ ގައްދޫ ކުޅުނު ފަސްވަނަ މެޗެވެ. މިހާތަނަށް ކުޅުނު ފަސް މެޗުންވެސް ބަލިވެފައިވާ ގައްދޫ، ޕޮއިންޓެއް ނުލިބި އަދިވެސް އޮތީ ތާވަލުގެ އެންމެ ފުލުގައެވެ.

ރިއެކްޝަންސް

ކޮމެންޓް