ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާ އެކު ހެދި ޑީސަލް އެއްބަސްވުމުގެ ދިފާއުގައި ވާހަކަފުޅުދައްކަވައި، އެމެރިކާއިން ޔޫކްރެއިނާ އެކު އަދިވެސް ޖާސޫސީ މައުލޫމާތު ހިއްސާކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް އިއްޔެ ވިދާޅުވީ، އެމެރިކާއިން ދަނީ ޔޫކްރެއިނަށް އެހީތެރިވެ، އެ ގައުމާ އެކު ޖާސޫސީ މައުލޫމާތު ހިއްސާކުރަމުން ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ޔޫކްރެއިނުން ދޭ ހަމަލާތައް ނުހުއްޓައިފި ނަމަ މައުލޫމާތު ދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.
ޓްރަމްޕް ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުން، އެއްބަސްވުމުގެ ދަށުން ރަޝިޔާއިން ވަގުތުން 300,000 ޓަނުގެ ޑީސަލް ފޯރުކޮށްދޭނެއެވެ. ނޮވެމްބަރުގައި އިތުރު 500,000 ޓަނު، އަދި އޭގެ ފަހުން ވަގުތުން އެއް މިލިއަން ޓަނު ފޮނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި އެއްބަސްވުމުގެ އެންމެ ބޮޑު ބޭނުމަކީ އެމެރިކާގެ ދަނޑުވެރިންނާއި އާންމުންނަށް ތެލުގެ އަގު ހެޔޮކޮށްދިނުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މި އެއްބަސްވުމުން ލިބޭ ފައިސާ ބޭނުންކޮށްގެން ރަޝިޔާއިން އިތުރު ހަތިޔާރު ގަނެފާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޓްރަމްޕް ވިދާޅުވީ، އެއީ ހަމައެކަނި ޑީސަލްގެ މުއާމަލާތެއް ކަމަށާއި، އެ ތެޔޮ ނެރެނީ މުޅި ދުނިޔެއަށް ކަމަށެވެ.
އެމެރިކާގައި ތެލުގެ އަގު ބޮޑުވުމުގެ ޒިންމާ ޓްރަމްޕް އެޅުއްވީ ޔޫކްރެއިނުގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީގެ ބޮލުގައެވެ. ނަމަވެސް ތަޖުރިބާކާރުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ މައިގަނޑު ސަބަބަކީ އީރާނުގައި ކުރިއަށްދާ ހަނގުރާމައެވެ.
ޒެލެންސްކީ ދެކޭ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިއުމަށް ފުރުސަތު ހުޅުވޭނެއެވެ.
މި އެއްބަސްވުމާ ގުޅިގެން އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ވެސް އަންނަނީ ޓްރަމްޕަށް ފާޑުވިދާޅުވަމުންނެވެ. ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީ ހިމެނޭ ގޮތަށް 12 ސެނެޓަރަކު ސޮއިކުރައްވައި ޓްރަމްޕަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، މިއީ ޔޫކްރެއިނަށް ދެވޭ ކެއްސެއް ކަމަށާއި، މި އެއްބަސްވުން އުވާލަން ޖެހޭ ކަމަށެވެ.
މި އެއްބަސްވުމަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ ދެކޮޅަށް އެމެރިކާ ގެންގުޅެމުން އައި ސިޔާސަތާ ފުށުއަރާ ބޮޑު ބަދަލެކެވެ. އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުން ވަނީ ރަޝިޔާގެ ޑީސަލް ދުނިޔޭގެ ބާޒާރަށް ނެރުމުގެ ހަ މަސް ދުވަހުގެ ވަގުތީ ލައިސަންސެއް ދޫކޮށްފައެވެ.




