ގަލޮޅު އެޕާޓްމަންޓަކުން ބިރުދައްކައިގެން ފައިސާ ފޭރުނު ދެ މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓަކަށް ހުއްދަނޫން ގޮތުގައި ވަދެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައިގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ޤަޞްރު، ޠަލާލް މުޙައްމަދު (41އ) އަދި މ. މުލި، ނައިޓްރޯސް، އަޙްމަދު ޢުބައިދު (46އ) އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ 2026 އޮކްޓޫބަރު 8 ވަނަ ދުވަހު ގަލޮޅު ގެއެއްގެ 4 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކަށް ވަދެގަނެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި ބިރުދައްކައިގެން ފައިސާ ފޭރުނު މައްސަލައިގައެވެ.

ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަންސް

ކޮމެންޓް