ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކި ތުހުމަތުގައި ބަންގްލަދޭޝްގެ 3 މީހަކު އަތުލައިގެންފި

ހުއްދަނެތި އަދި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރި ތުހުމަތުގައި ބަންގްލަދޭޝްގެ 3 މީހަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އިއްޔެ، އޮކްޓޫބަރު 12 ވަނަ ދުވަހު ބަންދުކޮށްފައިވަނީ އާމިރު ޙުސައިން، އެމްޑީ މީޒާނުއްރަޙްމާން އަދި ސިރާޒް ޚާން ކަމަށެވެ.

އެ ތިން މީހުން އަތުލައިގަނެފައިވަނީ ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތްކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

މި މައްސަލައިގެ ތަޙުޤީޤު ފުލުހުން މިހާރުވެސް ކުރިއަށް ގެންދާއިރު، އެ ފަރާތްތަކާމެދު އަޅާނެ ޤާނޫނީ ފިޔަވަޅުތައް ނިންމާނީ ތަޙުޤީޤަށް ލިބޭ އިތުރު މަޢުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ޤާނޫނާ ޚިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކާ ބެހޭ މަޢުލޫމާތު، އެފަދަ މައްސަލަތައް ތަޙުޤީޤުކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކޮށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އެ ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ އަދި ވަޓްސްއެޕް މެދުވެރިކޮށްވެސް މަޢުލޫމާތު ފޮނުވޭނެއެވެ.

ރިއެކްޝަންސް

ކޮމެންޓް