ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި (އީއީޒެޑް) ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޭރުގެ 3 މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، މި 3 މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއާ ކޯރ ގުޅިގެން، އޮކްޓޫބަރު 12 ވަނަ ދުވަހުގެ ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ ބޯޓުތައް އަތުލައިގަނެފައިވަނީ އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. އަތުލައިގަތް 3 މަސްބޯޓު މާލެ ގެނައުމުގެ މަސައްކަތް ސިފައިން މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ބޯޓުތަކެއްކަމުގެ މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އެއާ ކޯރގެ ވައިގެ އުޅަނދުތަކާއި ކޯސްޓްގާޑް ގުޅިގެން، އިޤްތިޞާދީ ސަރަހައްދުގައި ހުއްދަނެތި ހަރަކާތްތެރިވާ ބޭރުގެ އުޅަނދުތައް ދެނެގަނެ ހުއްޓުވުމުގެ މަސައްކަތް ދަނީ ކުރިއަށް ގެންދަމުންނެވެ.
މީގެ ކުރިން، ސެޕްޓެމްބަރު 16 ވަނަ ދުވަހު ވެސް ކ. ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.




