ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމައި، މި މަހުގެ 29 ވަނަ ދުވަހު ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ދިފާއީ ވަކީލުންގެ ފަރާތުން ހުލާސާ ބަޔާން އިއްވުމެވެ. ދައުލަތުގެ ފަރާތުން ހުލާސާ ބަޔާން އިއްވާފައިވަނީ އިއްޔެ ބޭއްވި އަޑުއެހުމުގައެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، ޝަރީއަތުގެ ހުރިހާ މަރުހަލާތަކެއް ނިމި ދެ ފަރާތުން ހުލާސާ ބަޔާން އިއްވައި ނިމިފައިވާތީ، ހުކުމް އިއްވުމުގެ ޝަރީއަތް މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި ބޭއްވުމަށް ތާވަލުކުރައްވާ ކަމަށެވެ.
ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ތުހުމަތުކުރަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށެވެ. މި މައްސަލައިގައި ފުރަތަމަ ތުހުމަތުކުރި 6 ފަރާތުގެ ތެރެއިން ރައީސް ޔާމީން ފިޔަވައި އެހެން އެންމެން ވަނީ ސަލާމަތްވެފައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ބިޑަކާ ނުލައި 1.55 މިލިއަން ޑޮލަރަށް ފުއްގިރި ދޫކުރީ ޔޫއޭއީގައި ރަޖިސްޓްރީކޮށްފައިވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް އަށެވެ.




