ވަކި ގަޑިތަކެއްގައި ބަރު އުޅަނދުފަހަރު ނުދުއްވޭ ގޮތަށް ހެދުމަށްޓަކައި ވިޔަފާރިވެރިންނާއެކު މަޝްވަރާކޮށް ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަރު އުޅަނދު ދުއްވާނެ ވަކި ގަޑިތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރަނީ ވިޔަފާރިވެރިންނަށް ބުރައެއް ނާންނާނެ ގޮތަށް، ގިނަ ބަޔަކަށް ކަމުދާނެ ހައްލެއް ހޯދުމަށް ކަމަށާއި، އެކަމާ ގުޅޭގޮތުން މަޝްވަރާކުރާތާ ހަތަރު މަސް ދުވަސް ވެފައިވާ ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ބަރު އުޅަނދު ދުއްވޭ ގަޑިތަކަށް ބަދަލު އައުމުން ގޭހާއި ފެން ފަދަ ތަކެތި އުފުލުމަށް ދަތިތަކެއް ދިމާވާނެއެވެ.
ނަމަވެސް، ކުލި ގަޑިތަކުގައި ސިނަމާލެ ބުރިޖުގައި ބަރު އުޅަނދުތައް ދުއްވުމުން ތަކުރާރުކޮށް ދިމާވާ ޓްރެފިކް ބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ސައީދު ލަފާކުރެއްވި ގޮތުގައި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭގައި ބަރު އުޅަނދުތަކާ ބެހޭ އައު ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވޭނެއެވެ.




