ދިވެހިން އާންމުކޮށް ބޭސްފަރުވާއަށް ގޮސްއުޅޭ ވަކި ޚާއްސަ ގައުމުތަކަކަށް އެކަނި އަމިއްލަ ޚަރަދުގައި ދާ މީހުންނަށް ދޫކުރާ 1,000 އެމެރިކާ ޑޮލަރު ދޫކުރާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފިއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، މި ފައިސާ ދޫކުރާނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިޔާ، ސިންގަޕޫރު އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރުކުރާ ފަރާތްތަކަށް އެކަނި ބޭންކުތައް މެދުވެރިކޮށެވެ. މިއީ ބޭސްފަރުވާއަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ޚަރަދުކުރެވޭ އަދަދުތަކެއްކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެކެވެ.
އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށްދާ ފަރާތްތަކަށް ދޫކުރާ 2,000 ޑޮލަރު އެއްވެސް ބަދަލެއް ނެތި ކުރިއެކޭ އެއްގޮތަށް ލިބެމުންދާނެއެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2026 ވަނަ އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް 41.1 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މުޅި ޖުމްލަ އަދަދާ އަޅާބަލާއިރު ގާތްގަނޑަކަށް ތިން ގުނަ އިތުރު އަދަދެކެވެ. މީގެ ތެރެއިން 29.2 މިލިއަން ޑޮލަރު ހިއްސާކުރަނީ އަމިއްލަ ޚަރަދުގައި ދިޔަ މީހުންނަށް ދޫކުރި ފައިސާ ކަމަށްވާތީ، ރިޒާވް ހިފެހެއްޓުމަށާއި ނަހަމަ ގޮތުގައި ފައިސާ ބޭނުންކުރުން ހުއްޓުވުމަށް މި ބަދަލު ވަނީ ގެނެސްފައެވެ.




