ޑޮލަރުގެ ދަތިކަމާ ގުޅިގެން އީ-ކޮމާސް ނުވަތަ ބޭރުގެ އޮންލައިން ވެބްސައިޓްތަކުން ވިޔަފާރިކުރުމަށް އާންމުންނަށް ދިމާވި ދަތިތަކަށް ހައްލު ހޯދައިދީފައިވާ ކަމަށާއި، އެފަދަ ދަތިތައް ދެން ދިމާނުވާނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ޑޮލަރުގެ މައްސަލައާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ކުރިމަތިވި ހީނަރުކަން އެ ބޭންކުން ވަރަށް ރަނގަޅަށް ބަލަހައްޓާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުރިން ދިމާވި ފަދަ މައްސަލަތައް ދެން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ދީފައިވާއިރު، ޓީޓީ ހަދައިދިނުމާއި ބޭރު ފައިސާ ދޫކުރުމުގައި ވެސް ހާލަތު ބަދަލުވަމުންދާ ކަމަށެވެ. އަދި ކުރީގެ ހާލަތަށް ރުޖޫޢަވުމަށް ބޭންކުން ވަރަށް ބާރަށް މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއަށް ބޭރު ފައިސާގެ ދަތިކަން ދިމާވީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ 1.4 ބިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން ދައްކަން ޖެހުމުން ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ. އޭގެ ތެރޭގައި ގިނައީ އިޤްތިޞާދާ ގުޅުމެއްނެތް ލޯނުތަކަށް ވާތީ، އެ ލޯނުތަކުން އިޤްތިޞާދަށް ފައިދާއެއް ނުވާ ކަމަށާއި، އެކަމުގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބުމަށް ހުރަސްތަކެއް މެދުވެރިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




