މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރު ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ އަދަދު 225 އިންސައްތަ އިތުރުވެފައިވާ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، 2025 ވަނަ އަހަރުގެ މައުރަޒުގައި 240 ފަރާތަކުން ބައިވެރިވިއިރު، މި އަހަރު އެ އަދަދު 780 އަށް އަރާފައިވާ ކަމަށެވެ.
މައުރަޒުގައި ބައިވެރިކުރާ އުފެއްދުންތަކުގެ އަދަދުވެސް ވަނީ ދެގުނަ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު 2,400 އުފެއްދުން ބައިވެރިކުރިއިރު، މި އަހަރު އެ އަދަދު 4,800 އަށް އަރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ އަހަރު 10 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މައުރަޒަށް ކޮންމެ ދުވަހަކުވެސް އެވްރެޖުކޮށް 80,000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިދިޔަ ފަހަރުގެ މައުރަޒުން ބައިވެރިންނަށް ލިބުނު ވިޔަފާރީގެ ކުރިއެރުމަކީ މިފަހަރު ގިނަ ބަޔަކު ޝައުޤުވެރިކަން ފާޅުކުރުމުގެ މައިގަނޑު ސަބަބު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 25 އިން ފެށިގެން ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް ހަމަޖެހިފައިވެއެވެ.
މި މައުރަޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުފެއްދުންތެރިންނާއި ހުނަރުވެރިންގެ މަސައްކަތްތައް އެއްތަނަކުން ދައްކާލައި، އެ ފަރާތްތަކަށް މާކެޓް ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން ބާއްވާ ހަރަކާތެކެވެ.




