ރަސްމާލޭގެ މަޝްރޫއުން އިސްރާއީލް މީހުންނަށް ބިން ނުގަނެވޭނެ: މިނިސްޓަރު މުއްތަލިބް

ރަސްމާލޭގައި ޔޫއޭއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ ބޮޑު ވޯޓާ ފްރަންޓާއި މެރީނާ މަޝްރޫއާ ގުޅޭގޮތުން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަރަށް ތަފްސީލުކޮށް ރައްދުދެއްވައި، އެ މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި އެއްވެސް ކުންފުންޏަކަށް ބިން ނުވަތަ ޕްރޮޕަޓީ ގަތުމުގެ ފުރުސަތު ހަނދާންނެތިގެންވެސް ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފިއެވެ.

އިދިކޮޅު ފަރާތްތަކުން މި މަޝްރޫއާ ގުޅިގެން މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކުރަމުންދަނީ، ރަސްމާލޭގައި އިސްރާއީލު ނުވަތަ ޒަޔަނިސްޓުން ވަޒަންވެރިކޮށް، އެ މީހުންނަށް ރާއްޖެއިން ބިންތަކާއި ޕްރޮޕަޓީތައް މިލްކުކުރުމުގެ ފުރުސަތު ދީފާނެ ކަމުގެ ބިރަށެވެ. މިކަމަށް އަލިއުޅުއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ޒަޔަނިޒަމަކީ ތާރީހީ ފަލަސްތީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް ބިނާކުރުމަށް އެހެން ގައުމުތަކުން މީހުން ގެނެސް ވަޒަންވެރިކުރުވުމަށް ހިންގާ ފަލްސަފާއެއް ކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން އަސްކަރީ ބާރު ބޭނުންކޮށްގެން ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ގޯލަން ހެއިޓްސް ފަދަ ސަރަހައްދުތައް ހިފާފައިވާ ކަމުގެ ފުން ހަގީގަތް ދިވެހިންނަށް އެނގޭ ކަމަށެވެ. އަދި މިފަދަ އިހުސާސްތަކާއި ދިވެހިންގެ ގައުމީ ޖަޒުބާތުތައް ސިޔާސީ މަންފާއަށްޓަކައި ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ބޭނުންކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުއާ ގުޅިގެން ސަރުކާރުން އަޅަން ނިންމާފައިވާ ހަރުދަނާ އަދި ވަރުގަދަ ފިޔަވަޅުތަކުގެ ތަފްސީލު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް  ނުވަތަ ކުންފުންޏަކަށް ރަސްމާލެއިން އިންވެސްޓްކުރުމާއި، މަންފާ ލިބުމާއި، ހިއްސާދާރަކަށްވުމާއި، ނުވަތަ ސޭލްސް އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ. މީގެއިތުރުން، ރަސްމާލޭގައި ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަރާތަކާއި އެކަމުން މަންފާވާ ހުރިހާ ފަރާތްތަކެއް ނިސްބަތްވާ ހުރިހާ ގައުމެއް ހާމަކުރުން ގާނޫނީ ގޮތުން މަޖުބޫރުކުރާނެ ކަމަށާއި، މައުލޫމާތު އޮޅުވާލައިގެން އެފަދަ ކަމެއް ކޮށްފިނަމަ ވަގުތުން އެ ތަނެއް އަތުލައި ދައުލަތަށް ނެގޭނެ އުސޫލެއް ގާއިމުކުރާނެ ކަމަށެވެ. އަދި ރާއްޖެއިން އިސްރާއީލް ޕާސްޕޯޓް މަނާކޮށްފައިވީ ނަމަވެސް، ޑުއަލް ސިޓިޒެންޝިޕް އޮންނަ ފަރާތްތަކަށް އެހެން ޕާސްޕޯޓުތަކުގައި އެތންތަނަށް ވަދެވިދާނެ ކަމަށްބަލައި، ހަމައެކަނި ޕާސްޕޯޓަށް ނުބަލައި އެ މީހުން ނިސްބަތްވާ އަދި ސިޓިޒެންޝިޕް އޮންނަ ހުރިހާ ގައުމެއްގެ އިތުރުން އިސްރާއީލާ ނުސީދާ ގޮތުން ނަމަވެސް ގުޅުމެއް އޮތްތޯ ވަރަށް ތަފްސީލުކޮށް ސްކްރީން ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރަސްމާލެ މަޝްރޫއަށް އިންވެސްޓްކުރާ ފަރާތްތަކަށް ލިބޭނީ 2015 ވަނަ އަހަރު އެކުލަވާލި ކޯޕަރޭޓް ރެސިޑެންސް ވިސާ ކަމަށާއި، ކުރިން އެ ވިސާ އިސްރާއީލް މީހުންނަށް ހޯދުމުގައި ހުރަހެއް ނެތް ނަމަވެސް، މި ސަރުކާރުން ވަނީ އިސްރާއީލް ރައްޔިތުންނަށް އެ ވިސާ މުޅިން ނުދިނުމަށް ނިންމާފައި ކަމަށެވެ. އަދި އެ ވިސާ ދޫކުރުމުގެ ކުރިން ޕާސްޕޯޓު ބެލުމުގެ އިތުރުން ނޭޝަނަލިޓީ ސްކްރީން ވަރަށް ހަރުކަށިކޮށް ކުރިއަށް ގެންދާނެ ކަމަށާއި، ރާއްޖޭގެ ދާއިމީ ސިޓިޒެންޝިޕެއް ނުވަތަ ރެސިޑެންސީއެއް ބޭރު މީހުންނަށް ނުލިބޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މީގެއިތުރުން، އެއް ގައުމެއްގެ ރައްޔިތުންނަށް ރަސްމާލޭން މިލްކު ކުރެވޭނެ މިންވަރު ކަނޑައަޅައި ލިމިޓުތަކެއް ހަދާނެ ކަމަށާއި، ޕްރޮޕަޓީތައް ދޫކުރާނީ ހަމައެކަނި ގަންނަ ފަރާތްތަކަށް ކަމަށްވާތީ އެއްވެސް ފަރާތަކަށް ދާއިމީ ގޮތެއްގައި ކުލި އާކޮށްގެން މުދާ ހިފެހެއްޓުމުގެ އިހްތިޔާރެއް ނޯންނާނެ ކަމަށާއި ފްރީހޯލްޑް (ދާއިމީ މިލްކުވެރިކަން) ވިއްކުމުގެ ފުރުސަތު ނޯންނާނެ ކަމަށްވެސް މުއްތަލިބް ވިދާޅުވިއެވެ.

މި މަޝްރޫއުގެ އެންމެ ބޮޑު އަމާޒަކީ ދިވެހި ރުފިޔާއިން ފައިސާ ދައްކައިގެން ރަސްމާލޭގައި ތަރައްގީކުރާ ޔުނިޓްތަކުން ޕްރޮޕަޓީ ގަތުމުގެ ފުރަތަމަ ހައްގު ދިވެހިންނަށް ކަށަވަރުކޮށްދިނުން ކަމަށާއި، ބޭރު މީހުންނަށް ވަކި ލިމިޓުތަކެއްގެ ދަށުން ވިއްކި ނަމަވެސް އެފަދަ އެއްވެސް ލިމިޓެއް ދިވެހިންގެ މައްޗަށް ނުހިނގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރިއެކްޝަންސް

ކޮމެންޓް