ށ. ޅައިމަގު ބަނދަރު އަޕްގްރޭޑްކުރުމުގެ ޑިޒައިން އަދި ބިލްޑް މަޝްރޫޢުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ ބަނދަރު މަރާމާތުކުރުމަށްޓަކައި ކުރަންޖެހޭ ފުންކުރުމުގެ އެންމެ ފަހުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް ނިމުމާއެކު މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
މި މަޝްރޫޢަކީ ދައުލަތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 60.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
- ބަނދަރު ފުންކުރުން – 31,000 ކިއުބިކް މީޓަރު
- ބޭރުތޮށި – 350 މީޓަރު
- ރިވެޓްމެންޓް – 500 މީޓަރު
- އެއްގަމުތޮށި – 276 މީޓަރު
- ޕޭވްމަންޓް – 1,380 އަކަ މީޓަރު
މީގެ އިތުރުން، ނެރު ބައްތި އަދި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢު އެއްކޮށް ނިމި ބޭނުންކުރަން ފެށުމުން، ޅައިމަގުގައި ލަފާފުރުމުގައި ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.




