ޕީއެންސީއަށް ސޮއިނުކުރުމުން ސަފީރަކު ވަކިކުރި ކަމަށް ބުނާ ވާހަކަ ފޮރިން މިނިސްޓްރީން ދޮގުކޮށްފި

ޕީއެންސީއަށް ސޮއިނުކުރުމުން ސަޢޫދީ ޢަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އަޙްމަދު ސަރީރު މަޤާމުން ވަކިކޮށްފައިވާ ކަމަށް ބުނެ "އަދަދު" ނޫހުން ޝާއިޢުކުރި ޚަބަރު ފޮރިން މިނިސްޓްރީން ދޮގުކޮށްފިއެވެ.

މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ސަފީރުން މަޤާމަށް އައްޔަންކުރުމާއި މަޤާމުން ވަކިކުރުމަކީ ދިވެހިރާއްޖޭގެ ފޮރިން ސާވިސް ޤާނޫނުގެ ދަށުން، ވަކި އުޞޫލުތަކެއްގެ މަތީން ހިނގަމުންދާ ކަމެއް ކަމަށެވެ. އަދި އެފަދަ ނިންމުންތައް ނިންމަވަމުންދާނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ބަޔާނުގައިވާ ގޮތުން، ސަރީރަކީ 3 ޖެނުއަރީ 2024 އިން ފެށިގެން އެމްބެސެޑަރ އެޓް ލާޖްގެ ގޮތުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ފޮރިން މިނިސްޓްރީގެ ސިޔާސީ މަޤާމެއްގައި ހުންނެވި ބޭފުޅެކެވެ. އޭނާ ސަފީރެއްގެ ގޮތުގައި އައްޔަންކުރެވިފައިވަނީ 30 އޮކްޓޫބަރު 2024 ގައެވެ.

މިނިސްޓްރީން ބުނީ، އެ ދެ ތާރީޚުން ދައްކަނީ ސަފީރާ ގުޅޭގޮތުން ނޫހުގައިވާ މަޢުލޫމާތަކީ ރަނގަޅު ނޫން މަޢުލޫމާތެއް ކަމަށެވެ.

މީގެ އިތުރުން، ފޮރިން ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން ފޮރިން ސާވިސްގެ މުވައްޒަފުންނަށް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެ ކަމަށާއި، އެގޮތުގެ މަތީން މުވައްޒަފުން ޤާނޫނާ ޚިލާފަށް ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ސަރުކާރުން މަޖުބޫރެއް ކޮށްފައި ނުވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީއާއި މުވައްޒަފުންނާ ގުޅޭގޮތުން ސާބިތުނުވާ މަޢުލޫމާތު އާންމު ނުކުރުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަންސް

ކޮމެންޓް