މީހުންގެ އަގު ވައްޓާލަން އޭސީސީއަށް މައްސަލަ ހުށަހެޅިޔަސް ފިޔަވަޅު އެޅޭނެ އުސޫލެއް ނެތް: ޝާމިލް

އަސާސެއް ނެތި މީހުންގެ އަގު ވައްޓާލުމުގެ މަގުސަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަތައް ހުށަހެޅި ނަމަވެސް، އެފަދަ ކަންކަމުގައި އަމަލުކުރާނެ ޚާއްޞަ އުސޫލެއް ނެތް ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ޝާމިލް ވިދާޅުވީ، ސިޔާސީ މަގުސަދުގައާއި އޭސީސީގެ މެންބަރުންގެ އަގުވައްޓާލުމުގެ ބޭނުމުގައިވެސް މައްސަލަތައް ހުށަހަޅަމުންދާ ކަމަށާއި، ނަމަވެސް އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް އަދި އެ ކޮމިޝަނުގައި ގާއިމުވެފައި ނެތް ކަމަށެވެ.

ޝާމިލް ފާހަގަކުރެއްވި ގޮތުގައި ކޮރަޕްޝަން ހުއްޓުވަން ކުރިން އަމަލުކުރި ގާނޫނުގައި އެ އުސޫލު އޮތް ނަމަވެސް، މިހާރު އޭސީސީން އަމަލުކުރާ ނިޒާމުގެ ތެރޭގައި ކަނޑައެޅިގެން މީހެއްގެ އަގުވައްޓާލަން މައްސަލަ ހުށަހެޅުމުން ދެން އަމަލުކުރާނެ ގޮތެއް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް، ސަރުކާރާއި ޖުޑިޝަރީ ހިމެނޭހެން އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އިސްތިރާޖީ ޕްލޭނެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހީގައި އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަންސް

ކޮމެންޓް