އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހަށް އެއްކޮށް ނިންމައި އެ ތަނަށް ބަދަލުވެވޭނެ ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ އެ އޮފީހުގެ ބަޖެޓު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅުއްވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ދައުލަތުގެ ކޭޝްފްލޯ ހުރިގޮތުން އިމާރާތްކުރުމުގެ ދާއިރާގެ ބައެއް މަޝްރޫއުތަކަށް ގޮންޖެހުންތައް ހުރި ނަމަވެސް އެ އޮފީހުގެ އައު އިމާރާތުގެ މަސައްކަތް މަޑުނުޖެހި ކުރިއަށްދާ ކަމަށާއި، މިހާތަނަށް މުޅި މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ 138.6 މިލިއަން ރުފިޔާއަށް ހަވާލުކޮށްގެން ކުރިއަށްގެންދާ 6 ފަންގިފިލާގެ މި އިމާރާތުގެ މަސައްކަތަށް މިހާތަނަށް 74.5 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި، މިހާރު އޮފީސް ހިންގަމުންދަނީ ކުއްޔަށް ހިފައިގެން އުޅޭ އިމާރާތެއްގައި ކަމަށްވާއިރު، އައު އިމާރާތަށް ބަދަލުވުމުން ކުލީގެ ގޮތުގައި ކުރާ ހަރަދު ސަލާމަތްވެ، ކުރިއަށް އޮތް 10 އަހަރު ނުވަތަ 12 އަހަރުގެ ތެރޭގައި އެ ފައިސާ އެއްކޮށް ސަލާމަތް ކުރެވޭނެއެވެ.




