ގދ. އަތޮޅުގެ 3 ވަނަ ރިސޯޓް، ނިލާ ކޮރަލް އައިލެންޑް މޯލްޑިވްސް ހުޅުވައިފި

ގދ. އަތޮޅު ކޮޑެގަލާގައި ތަރައްގީކޮށްފައިވާ ނިލާ ކޮރަލް އައިލެންޑް މޯލްޑިވްސް ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ ގދ. އަތޮޅުގެ ތިންވަނަ ރިސޯޓެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންއިން ބުނީ، މި ރިސޯޓުގެ ސަބަބުން ގދ. އަތޮޅުގެ ރައްޔިތުންނަށް ރަށާ ކައިރިން ވަޒީފާއާއި ވިޔަފާރީގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ކޮޑެގަލާއަކީ ގދ. ގައްދޫގެ ހުޅަނގު އުތުރުގައި އޮންނަ މީހުން ނޫޅޭ ކުޑަ ރަށެކެވެ. މި ރިސޯޓް އޮންނަނީ މާވަރުލު އެއާޕޯޓާ 15 މިނެޓު ދުރުގައެވެ. ރިސޯޓް މިހާރު ބުކިންނަށް ހުޅުވާލާފައިވެއެވެ.

މަތީ ފަންތީގެ ފަތުރުވެރިކަމަށް ހުޅުވާފައިވާ މި ރިސޯޓުގައި ޖުމްލަ 40 މީހުންނަށް އެއްފަހަރާ ޚިދުމަތް ދެވެއެވެ. ރިސޯޓުގައި މޫދަށް ވާ ގޮތަށް ތަރައްގީކޮށްފައިވާ ހަތް ޕްރައިވެޓް ވިލާ ހުރެއެވެ.

މި ވިލާތައް ތިން ގިންތިއަކަށް ބަހާލެވިފައިވެއެވެ. އެއީ ދެ ކޮޓަރީގެ ވިލާއާއި ތިން ކޮޓަރީގެ ވިލާ އަދި ފަސް ކޮޓަރީގެ ވިލާއެވެ. މީގެ އިތުރުން ރިސޯޓުން ކެއިންބުއިމުގެ ތަފާތު ތަޖުރިބާތަކާއި ވެލްނަސް ފެސިލިޓީސް އަދި ވޯޓަރ ސްޕޯޓްސް ހަރަކާތްތައް ވެސް ފޯރުކޮށްދެއެވެ.

މި ރިސޯޓް ހުޅުވާފައިވަނީ 2027 ވަނަ އަހަރު "ވިޒިޓް މޯލްޑިވްސް ޔިއަރ" ގެ ގޮތުގައި ފާހަގަކުރުމަށް ރާއްޖެ ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މި ރިސޯޓުގެ ސަބަބުން ރާއްޖެއަށް އިތުރު ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ނަފާ އިތުރު ރަށްރަށަށް ފޯރުކޮށްދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ރިސޯޓް ފިޔަވައި ގދ. އަތޮޅުގައި މިހާރު ހިންގަނީ ދެ ރިސޯޓެވެ. އެއީ އަޔާޑާ މޯލްޑިވްސް އާއި އެންއެޗް ކަލެކްޝަން މޯލްޑިވްސް ހޮވޮއްޑާ ރިސޯޓެވެ.

ރިއެކްޝަންސް

ކޮމެންޓް