ބީއެމްއެލް އިން ޓެކް އިންޓާންޝިޕް ޕްރޮގްރާމަށް 25 ފުރުސަތު ހުޅުވާލައިފި

ޒުވާން ދިވެހިންނަށް ޓެކްނޮލޮޖީގެ ދާއިރާއިން އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމްގެ ދަށުން، ޓެކްނޮލޮޖީ ދާއިރާއަށް ޚާއްޞަ 25 ފުރުޞަތެއް ހުޅުވާލައިފިއެވެ.

މި ފުރުސަތުތަކަށް ކުރިމަތިލެވޭނީ މިމަހުގެ 12 އިން 22 އަށެވެ. އިންޓާންޝިޕަށް ހޮވޭ ފަރާތްތަކަށް ބޭންކުގައި 1 އަހަރު ދުވަހު މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ބޭންކުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގައި ބައިވެރިވުމާއި، ތަޖުރިބާކާރު މުވައްޒަފުންގެ އިރުޝާދުގެ ދަށުން މަސައްކަތް ދަސްކުރުމުގެ ފުރުސަތު ލިބޭނެއެވެ. އިންޓާނުންގެ މަސައްކަތު ގަޑި ވަނީ 2:00 އަށް ނިންމޭ ގޮތަށް ހަމަޖައްސާފައެވެ.

ހޮވޭ ފަރާތްތަކަށް މަހަކު 11,000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. މީގެ އިތުރުން، ރޯދަ އިނާޔަތާއި، އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަހާއި، އާއިލީ ޒިންމާގެ ބޭނުމަށް 10 ދުވަސް ލިބޭނެއެވެ.

މި ފުރުޞަތަށް ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ، ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ތައުލީމެއް ހާސިލުކުރަމުންދާ ނުވަތަ ފުރިހަމަކޮށްފައިވާ ދިވެހިންނަށެވެ. މި ދާއިރާއިން ފަންނީ ހުނަރު ހުރި ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވާލާފައިވެއެވެ.

2018 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހަތް ބެޗެއްގައި 98 އިންޓާނުން ތަމްރީނު ފުރިހަމަކޮށްފައިވެއެވެ. އޭގެ ތެރެއިން 60 އިންސައްތަ ބައިވެރިންނަށް ބޭންކުގެ ދާއިމީ ވަޒީފާ ވަނީ ލިބިފައެވެ.

ރިއެކްޝަންސް

ކޮމެންޓް