ޑޮލަރު

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ މީހުންނަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކުރިފަހުން، އެންމެ އަހަރެއްގެ ތެރޭގައި ބޭސްފަރުވާއަށް ވިއްކި ޑޮލަރުގެ މިންވަރު ތިންގުނައަށް އިތުރުވެ ސުވާލުތަކެއް އުފެދިއްޖެއެވެ.

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ބޭސްފަރުވާއަށް ޖުމްލަ 18.51 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ އަދަދު ވަނީ 41.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ. މި ބޮޑު އަދަދުގެ އެންމެ ބޮޑު ބައެއް ނުވަތަ 29.2 މިލިއަން ޑޮލަރު ހިއްސާކުރަނީ އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދިޔަ މީހުންނަށް ވިއްކި ފައިސާއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އާސަންދައާއި އެންސްޕާގެ ދަށުންދާ މީހުންނަށް 2،000 ޑޮލަރާ ހަމައަށް އަދި އަމިއްލަ ޚަރަދުގައިދާ މީހުންނަށް 1،000 ޑޮލަރު ދޫކުރަން ފެށިއެވެ. ނަމަވެސް، ޑޮލަރުގެ ޑިމާންޑު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެންމެ އަހަރެއް ތެރޭ މި އަދަދު އިންތިހާއަށް އިތުރުވުމުން، މިއީ ހަގީގީ ބޭސްފަރުވާއަށް ކުރި ހަރަދެއްތޯ ނުވަތަ ނަހަމަ ގޮތުގައި ފައިސާ ހޯދުމަށް ކުރި ކަމެއްތޯ ވަނީ ސުވާލު އުފެދިފައެވެ.

ގައުމުގެ އިގްތިސާދާއި ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓުމަށްޓަކައި، މި އުސޫލު އިތުރަށް ހަރުދަނާކޮށް، ނަހަމަ ގޮތުގައި ޑޮލަރު ބޭނުންކުރުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރެވެއެވެ.

ރިއެކްޝަންސް

ކޮމެންޓް