މިދިޔަ ހަފުތާގައި އެމްޕީއެލް އިން 1،594 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި

މިދިޔަ ހަފުތާގެ ތެރޭގައި 1،594 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

އެމްޕީއެލް އިން ބުނީ، ކްލިއާކުރި މުދަލުގެ ތެރެއިން އެންމެ ގިނައީ ބިހާއި ފިޔާ ފަދަ އަސާސީ ކާބޯތަކެތި ކަމަށެވެ.

އެމްޕީއެލް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 4 އިން 10 އާ ދެމެދު ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުގެ 1،223 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުގެ 371 ކޮންސައިންމަންޓްސް ކްލިއާކޮށް، ރާއްޖޭގެ ބާޒާރަށް ނެރެފައިވެއެވެ.

މި މުއްދަތުގައި މާލޭ ވިޔަފާރި ބަނދަރުން ޖުމްލަ 44،181.43 ޓަނުގެ މުދާ ކްލިއާކޮށްފައިވެއެވެ. އޭގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން 40،672.84 ފްރައިޓް ޓަނުގެ މުދަލާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން 3،508.59 ފްރައިޓް ޓަނުގެ މުދާ ހިމެނެއެވެ.

މިދިޔަ ހަފުތާގައި މާލޭ ވިޔަފާރި ބަނދަރަށް 2 ކޮންޓެއިނަރު ބޯޓާއި 3 އާންމު މުދާ އުފުލާ ބޯޓު އައިސްފައިވެއެވެ. ބަނދަރުން 3 ކޮންޓެއިނަރު ބޯޓާއި 6 އާންމު މުދާ އުފުލާ ބޯޓު ފުރާފައިވެއެވެ.

ކޮންޓެއިނަރުގެ އޮޕަރޭޝަންތަކަށް ބަލާއިރު، 1،932 ކޮންޓެއިނަރު ބޭލުމާއި 1،514 ކޮންޓެއިނަރު ބޭރުކުރުން ހިމެނޭ ގޮތަށް ޖުމްލަ 3،446 އޮޕަރޭޝަން ހިންގާފައިވެއެވެ. މީގެ އިތުރުން، މޭވާއާއި ތަރުކާރީ ފަދަ އަވަހަށް ހަލާކުވާ މުދަލުގެ 51،751 ޕެކޭޖު ވެސް މިދިޔަ ހަފުތާގައި ކްލިއާކޮށްފައިވެއެވެ.

މި މުއްދަތުގައި ކްލިއާކުރި މުދާތަކަށް ބަލާއިރު، އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހެވެ. މިގޮތުން 15،692 ކޭސް ބިސް ކްލިއާކޮށްފައިވާއިރު، 10،410 ބަސްތާ ފިޔާ، 5،977 ކޭސް ކަރާ، 4،563 ބަސްތާ އަލުވި އަދި 3،077 ކޭސް ޓޮމާޓޯ ކްލިއާކޮށްފައިވެއެވެ.

ރިއެކްޝަންސް

ކޮމެންޓް