ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާޤުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ޖިނާޢީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވުމާއި، ނުޙައްޤުން ހޯދާ މުދާ ދައުލަތަށް ނަގައި އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމެވެ. ބިލުގެ ދަށުން ކުށްކޮށްގެން ހޯދާ މުދަލާއި ކުށްކުރަން ބޭނުންކުރާ މުދާ ވެސް ދައުލަތަށް ނެގޭނެއެވެ.

ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި މަނީލޯންޑަރިންގ، ޓެރަރިޒަމާ ގުޅުންހުރި ކުށްތައް، މީހަކު މެރުން، މަސްތުވާތަކެތި، މީހުން އަދި ހަތިޔާރު ޓްރެފިކްކުރުން، އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށްތައް، ކައުންޓަރފިޓްކުރުން، ކޮރަޕްޝަން އަދި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައް ހިމެނެއެވެ.

މީގެ އިތުރުން، ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރެއިން 500،000 ރުފިޔާއިން މަތީގެ އަދަދު ހިމެނޭ ކުށްތަކާއި، ފޭރުމާއި ވައްކަމާއި ޚިޔާނާތާއި މުދާ ސްމަގަލްކުރުން ފަދަ ކުށްތަކުގެ ތެރެއިން 100،000 ރުފިޔާއިން މަތީގެ އަދަދު ހިމެނޭ ކުށްތަކުގައި ވެސް މުދާ ދައުލަތަށް ނެގޭނެއެވެ. ޤާނޫނުގައި ޖިނާޢީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮންމެ ކުށެއްގައި ވެސް، ކުށްކޮށްގެން މުދާ ހޯދޭނަމަ އެ މުދާ ދައުލަތަށް ނެގޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައިވާ ގޮތުން، މިފަދަ ކުށްތައް ރާއްޖެއިން ބޭރުގައި ކުރި ނަމަވެސް، ނުވަތަ ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ކުރި ނަމަވެސް، އާ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. ކުށުގެ ތުހުމަތުވާ ފަރާތުގެ މައްޗަށް ކުށް ސާބިތުވިޔަސް ނުވިޔަސް، ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގޭނެއެވެ. މުދާ ނެގުމުގެ ކަންކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އިރުޝާދުތަކަށް ރިޢާޔަތްކުރަން ޖެހޭނެއެވެ.

ބިލު ފާސްވެ، ޤާނޫނަށް ޢަމަލުކުރާތާ 30 ދުވަހުގެ ތެރޭގައި "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" ގެ ނަމުގައި މިނިވަން އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭނެއެވެ. މި އިދާރާ ޖަވާބުދާރީވާނީ މާލީ ވުޒާރާގެ ދަށުން މަޖިލީހަށެވެ. ދައުލަތަށް ނަގާ މުދާ ރައްކާތެރިކަމާއެކު ބަލަހައްޓައި، އަގުމަގުކޮށް ދަފްތަރުކުރާނީ މި އިދާރާއިންނެވެ. ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ވެސް މި އިދާރާއިންނެވެ.

ޤާނޫނަށް ޢަމަލުކުރާތާ 60 ދުވަހުގެ ތެރޭގައި "ރިކަވަރޑް އެސެޓް ފަންޑެއް" ވެސް ޤާއިމުކުރާނެއެވެ. ކުށްކުރުން ހުއްޓުވުމާއި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމާ ގުޅޭ ޚަރަދުތައް ބެލެހެއްޓުމަށް މި ފަންޑު ބޭނުންކުރާނެއެވެ. މީގެ އިތުރުން، ބިލުގައިވާ ކުށްތަކާ ގުޅޭ ކަންކަމުގައި އެހެން ޤައުމުތަކުގެ އެހީތެރިކަމަށް އެދުމުގެ ބާރު ވެސް ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

ރިއެކްޝަންސް

ކޮމެންޓް