ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތަކުން ލިބުނު ފައިސާކަން ސާބިތުކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ޔާމީނާއި ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުވާކޮށްގެން ކުރިއަށްދާ މި ޝަރީއަތުގައި ދައުލަތުން އެދިފައިވަނީ ދިފާއީ ހެކިން ބަލައިނުގަތުމަށެވެ. ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ ދައުލަތުން ފާހަގަކުރި ކަންކަމަކީ ހެކިބަހަށް ބުރަދަން ދިނުމާ ގުޅޭ ކަންކަން ކަމަށްވާތީ، ޝަރީއަތުގެ މަރުހަލާ ނިމި ހުކުމް ކަނޑައަޅާއިރު އެކަމަށް ގޮތެއް ނިންމެވުމަށެވެ.
ޔާމީންގެ ދިފާއުގައި ހުށަހެޅުއްވި ހެކިންގެ ތެރޭގައި މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝް، މަޖިލިސް މެންބަރު މުޙައްމަދު އިސްމާއީލް، މެންބަރު މުޙައްމަދު ޝާހިދު، އަބްދުﷲ ރަޝީދު އަދި ކިތާބީ ހެއްކެއް ހިމެނެއެވެ.
މީގެއިތުރުން، ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމަށް ކޯޓުން ނިންމި ނަމަވެސް، މެންބަރު އަޙުމަދު ނާޒިމްގެ ހެކިބަސް ބަލައިނުގަތުމަށް ގާޒީ ވަނީ ނިންމަވާފައެވެ. ޔާމީނާއި ޔޫސުފް ނައީމް ވިދާޅުވަނީ އެއް މިލިއަން ޑޮލަރަކީ ދިވެހި ރުފިޔާގެ ނަގުދު ފައިސާ ދީގެން ޑޮލަރު މާރުކުރުމަށް ހިންގި މުއާމަލާތެއް ކަމަށެވެ.




