އޮޅުވާލައިގެން ދައުލަތާ ދެކޮޅަށް ގިނަ އަދަދެއްގެ ފައިސާ ހޯދަން ކޯޓުތަކުގައި ކޮށްފައިވާ ދައުވާތަކެއް އެބަހުރި ކަމަށް އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް މިހެން ވިދާޅުވީ، 2027 ވަނަ އަހަރަށް އޮޑިޓް އޮފީހަށް ބޭނުންވާ ބަޖެޓް ހުށަހަޅަން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައެވެ. އޮޑިޓް ކުރުމުގައި އެ އޮފީހުން ގެންގުޅޭ އުސޫލުތަކާ ބެހޭގޮތުން ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ދައުލަތުގެ މާލިއްޔަތު ހިމާޔަތް ކުރުމުގައި އޮޑިޓްގެ ދައުރު އޭނާ ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ.
ނިޔާޒީ ވިދާޅުވީ، ދައުލަތާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާތަކުގެ ތެރޭގައި 400 މިލިއަން ރުފިޔާގެ ބަދަލު ދޭންޖެހޭ ވަރުގެ މައްސަލަތައް ހިމެނޭ ކަމަށެވެ. މިފަދަ މައްސަލަތަކުގައި ތައްޔާރުކުރާ އޮޑިޓް ރިޕޯޓުތަކަކީ ދައުލަތަށް ވަގުތުން ބޮޑެތި ފައިސާ ސަލާމަތްކުރެވޭނެ އެއް ވަސީލަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޯޓުތަކަށް އިތުބާރު ހިފޭ އޮޑިޓް ރިޕޯޓެއް ހުށަނޭޅިއްޖެނަމަ، ދައުލަތަށް ރަނގަޅު ދިފާއެއް ހުށަނޭޅޭނެ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން ކޯޓުތަކުން އެ ދައުވާތަކަށް ބަދަލު ދިނުމަށް ދައުލަތަށް އަންގާފާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އެޓަރނީ ޖެނެރަލްގެ އޮފީހާ އެއްކޮށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދައުލަތާ ދެކޮޅަށް މިހާރު އުފުލޭ އެފަދަ ބައެއް ދައުވާތައް ވަރަށް ބޮޑުތަނުން ކުޑަކުރެވިފައިވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. މުޅި ދައުލަތުގެ ހިސާބުތަކާއި ކަންކަން ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އެކަންކަން ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އޮޑިޓަރ ޖެނެރަލް ހުށަހެޅުއްވީ 133.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރު އެ އޮފީހުން 394 އޮޑިޓް ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.




