ރަސްމާލޭ މަޝްރޫޢަށް ކުރީގެ ވެރިން ހުރަސް އަޅަނީ އަމިއްލަ މަސްލަހަތު ހޯދުމުގެ ނިޔަތުގައި: ޝުޖާޢު

ރަސްމާލޭ މަޝްރޫޢު ފަދަ ޤައުމަށް ނުހަނު ފައިދާހުރި ބޮޑެތި މަޝްރޫޢުތަކަށް ކުރީގެ ވެރިން ހުރަސް އަޅުއްވަނީ އެބޭފުޅުންގެ އަމިއްލަ މަސްލަހަތު ހޯދުމުގެ ނިޔަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވެފައިވަނީ، އީގަލް ހިލްސްގެ ރަސްމާލޭ މަޝްރޫޢާ ގުޅިގެން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޝުޖާޢު ފާހަގަކުރެއްވި ގޮތުގައި، މުޅި ޤައުމުގެ މެޖޯރިޓީ ރައްޔިތުން މިއަދު އެދެނީ ޤައުމަށް ލާބަޔާއި މަންފާ ލިބޭ ބޮޑެތި މަޝްރޫޢުތައް ކޮންމެ ވެރިކަމެއްގައިވެސް ލިބި، ރައްޔިތުންނަށް ތަނަވަސްކަން އިތުރުވުމަށެވެ. ނަމަވެސް، ވެރިކަން ކޮށްފައި ތިއްބެވި ބޭފުޅުންގެ އަމިއްލަ އެދުމާއި ނޭއްގާނީ އަމަލުތަކުގެ ސަބަބުން ޤައުމަށާއި ރައްޔިތުންނަށް ލިބިގެންދާ ފަހި ފުރުޞަތުތައް ބީވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވި ގޮތުގައި، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދީގެން ތަރައްޤީކުރާ މަޝްރޫޢަށް، ކުރީގެ ރައީސް ޔާމީން ހިމެނޭހެން، ވެރިކަން ކޮށްފައި ތިއްބެވި ހުރިހާ ވެރިންވެސް ތާއީދުކުރައްވައެވެ. ނަމަވެސް މި މަޝްރޫޢާ ދެކޮޅަށް ވާހަކަ ދައްކަނީ ހީލަތްތެރި ވިސްނުމެއްގައި ކަމަށާއި، އެބޭފުޅުންގެ ބޭނުމަކީ މި މަޝްރޫޢުން އަމިއްލައަށް މަންފާއެއް ލިބޭތޯ ބެލުން ކަމަށް ޝުޖާޢު ތުހުމަތުކުރެއްވިއެވެ.

ވެރިކަން ކޮށްފައި ރައްޔިތުންގެ ފައިސާއިން މުސާރަދީ، އޮފީސް ހިންގަން ރައްޔިތުންގެ ފައިސާ ނަންގަވާ ވެރިންނަށް، އެކަން ހުއްޓަވާލެއްވުމަށް ޝުޖާޢު ވަނީ ގޮވާލައްވާފައެވެ. މި މަޝްރޫޢަކީ ކުރީގެ ވެރިންނަށް މަންފާ ލިބޭ ގޮތަށް ރައީސް މުޢިއްޒު ހިންގަވަން ބޭނުންފުޅުވާ މަޝްރޫޢެއް ނޫން ކަމަށާއި، މިއީ ދިވެހި ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނެ ގޮތަށް ހިންގަވަން ބޭނުންފުޅުވާ މަޝްރޫޢެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައާ ގުޅޭގޮތުން ރައީސް ޔާމީން ދައްކަވާ ވާހަކަތަކަށް ވެސް ޝުޖާޢު ވަނީ ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން ފަލަސްޠީނުގެ ހައްޤުގައި ނުކުރައްވާ މަސައްކަތް، ރައީސް މުޢިއްޒު މި ތިން އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ފަރާތުން ކުރައްވާ، އެކަން ފަލަސްޠީނުގެ ރައްޔިތުންނަށާއި ދުނިޔެއަށް ސާބިތުކޮށްދެއްވާފައިވާ ކަމަށް ވެސް ޝުޖާޢު ވިދާޅުވިއެވެ.

ރިއެކްޝަންސް

ކޮމެންޓް