ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އިޒްރޭލާއި ޔަހޫދީންނާ އެންމެ ދެކޮޅަށް މި ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ސައުދުﷲ މިހެން ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާގައި ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.
ރައީސް މުޢިއްޒާއި އިޒްރޭލު ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ހަޤީޤަތެއް ނެތް ދޮގު ވާހަކަތައް ކަމަށް ސައުދުﷲ ވިދާޅުވިއެވެ. އީގަލް ހިލްސްގެ މަޝްރޫޢާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި ވެސް އަސްލެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ފެހި ޤާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގެ ރައްޔިތަކަށް ވެވެނީ ސުންނަތު ޖަމާޢަތުގެ މުސްލިމަކަށް ކަމަށާއި، ޔަހޫދީއަކަށް ނުވަތަ ކްރިސްޓިއަން ދީނުގެ މީހަކަށް ރަށްވެހިކަން ނުލިބޭނެ ކަމަށް ވެސް ސައުދުﷲ ފާހަގަކުރެއްވިއެވެ.
"ރާއްޖެއަކަށް އިސްރާއީލް ޕާސްޕޯޓުގައި ނާދެވޭނެ. އިސްރާއީލް ޕާސްޕޯޓުގައި މީހުން މި ރާއްޖެއަށް އައުން މަނާކުރަން ކެރުނީ މިހާރު މި ހުންނެވި އިއްޒަތްތެރި ރައީސްއަށް. އެހެންވީމާ، އެކަމާ ދޭތެރޭގައި އެ މަނިކުފާނާއި އިސްރާއީލާއި ޔަހޫދީންނާ ގުޅުވައިގެން މި ދައްކާ ވާހަކައަކީ އެއްގޮތަކަށްވެސް ތާކުންތާކުޖެހޭ ވާހަކައެއް ނޫން. ހަމަ ސީދާ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގުހަދަމުންދަނީ،" ސައުދުﷲ ވިދާޅުވިއެވެ.
ރަސްމާލޭ މަޝްރޫޢުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 1،010 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރު، ދުނިޔޭގެ މުއްސަނދިންނަށް އަމާޒުކޮށްގެން އެޕާޓްމަންޓްތައް ތަރައްޤީކޮށް ވިއްކުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމާ ގުޅިގެން ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ހިމެނޭހެން ސިޔާސީ އެކި ލީޑަރުންނާއި އާންމު ރައްޔިތުން ވެސް އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ރަސްމާލޭ މަޝްރޫޢު ހިންގާ އީގަލް ހިލްސް އަކީ ދީނީ އަދި އަޚްލާޤީ ގޮތުން ފުނޑުފުނޑުވެފައިވާ ސަރުކާރެއްގެ ފައިދާ ނަގާ ބަޔެއް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ސިފަކުރައްވާފައެވެ. ފަލަސްޠީނުގެ މައްސަލައަށް އަހަންމިއްޔަތުކަން ދެމުންދާއިރު، ޔަހޫދީން ވަޒަންވެރިވުމަށް ފުރުޞަތު ދިނުމަކީ ބަހާ އަމަލާ ދިމާނުވާކަން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވެ، މި މަޝްރޫޢު ހުއްޓާލުމަށް ވެސް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.




