ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން މިހާތަނަށް 416 މީހަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށެވެ. ކޮންމެ އަހަރަކު މަދުވެގެން 500 މީހުންނަށް ވަޒީފާ ހޯދައިދިނުމަކީ ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މިއަހަރުގެ މިހާތަނަށް ވަޒީފާ ހަމަޖައްސައިދެވިފައިވަނީ 60 މީހަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާންމުކޮށް ވަޒީފާ ފަހިކޮށްދެނީ ސަރުކާރުގެ ކުންފުނިތަކާއި އިދާރާތައް މެދުވެރިކޮށެވެ. ކުންފުނިތައް ރައިޓްސައިޒްކުރުމާއި އިދާރީ އޮނިގަނޑަށް ގެންނަމުންދާ ބަދަލުތަކާ ގުޅިގެން މި މަސައްކަތަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަސައްކަތް ހަލުވިކުރުމަށް ސިވިލް ސާވިސް ކޮމިޝަނާ މަޝްވަރާކޮށް، ސިވިލް ސާވިސްގެ އިދާރާތަކުން ބޭނުންވާ މިންވަރަށް ވަޒީފާ ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުންފުނިތަކުން ވެސް އިތުރު ފުރުޞަތުތައް ފަހިކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ލިބެމުންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ވަޒީފާ ދިނުމުގެ ކުރިން އެފަރާތްތަކުގެ ފަންކްޝަނަލް އެސެސްމަންޓްތައް ހަދައި، އެކަށީގެންވާ ވަޒީފާތައް ދެނެގަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މަސައްކަތުގެ މާޙައުލު ތައްޔާރުކޮށް، އެކުގައި އުޅޭ މުވައްޒަފުން އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ.
މިހާރުވެސް ވަޒީފާ ބޭނުންވެފައި 1,000 އަށްވުރެ ގިނަ ފަރާތްތައް ތިބި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.




